ޚަބަރު

މާސްޓާ ޝެފްގެ ލަގަބު ލިބުނު ފުރަތަަމަ ދިވެއްސަކަށް ޝެފް މާހާ


މާސްޓާ ޝެފްސް ސޮސައިޓީ އޮފް ދަ ވޯލްޑްގެ ފަރާތުން މާސްޓާ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެއްސަކަށް ޝެފް މަހާ ނަސީރު ހޮވިއްޖެއެވެ.

ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަރީއިން ކަލިނަރީ އާޓްސް އެންޑް ކުއިޒިންއިން ޑިގްރީ ހާސިލް ކޮށްފައިވާ މާހާއަކީ އޮގާ ރިސޯޓުގެ ކްރިއޭޓިވް ކަލިނަރީ ޑިރެކްޓަރެވެ. މީގެއިތުރުން އޭނާއަކީ މިހާރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރަމުން އަންނަ އަދި ވޯލްޑް ޝެފްސް އެޕްރޫވްޑް ޕޭސްޓްރީ ރޫކީ ޖަޖެކެވެ.

މަހާއަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކެވެ. އޭނާ ވަނީ ފާއިތުވީ އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގްވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައެވެ.

ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވެފައިވާ ވޯލްޑް މާސްޓާ ޝެފްސް ސޮސައިޓީއަކީ ވޯލްޑް މާސްޓާ ޝެފްގެ ލަގަބު ދިނުމަށް ސެޓްފިކެޓް ލިބިފައިވާ ހަމައެކަނި ސޮސައިޓީއެވެ. މިއީ 50 ގައުމެއްގައި 200 އަށް ވުރެ ގިނަ މެމްބަރުން ތިބި ޚާއްސަ ހުނަރުވެރި ޕްރޮފެޝަނަލް ޝެފުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ދުނިޔޭގެ މަޝްހޫރު ޝެފް ސޮސައިޓީއެކެވެ.