އިޤްޠިޞާދީ ދުވެލި ހަލުއިކުރުމަށްޓަކައި މެލޭޝިއާގެ އިންޓްރެސްޓް ރޭޓު 2.25 އިންސައްތައަށް ބޮޑުކޮށްފިއެވެ.
މިއީ މި އަހަރު މެލޭޝިއާގެ އިންޓްރެސްޓް ރޭޓު ބޮޑުކުރި ދެ ވަނަ ފަހަރެވެ.
މެލޭޝިއާގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓަށް ދެވަނަ ފަހަރަށް ބަދަލު ގެނައީ މަނިޓަރީ ޕޮލިސީ ކޮމެޓީގެ 4 ވަނަ ބައްދަލުވުމަށްފަހުއެވެ.
މިދިޔަ މެއިމަހުވެސް މެލޭޝިއާއިން ވަނީ އިންޓްރެސްޓް ރޭޓު މަތިކޮށްފައެވެ.
މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު ނޫރު ޝަމްޝިހާ މުޙައްމަދު ޔޫނުސް ވިދާޅުވި ގޮތުގައި ފަހުން ބޮޑު އިންޓްރެސްޓެއް ކުއްލިއަކަށް ގެނައުމުގެ ބަދަލުގައި އިންޓްރެސްޓް ރޭޓަށް ބަދަލު ގެނައުން މުހިންމީ މިހާރު ކަމަށެވެ.
މެލޭޝިއާގެ ހެޑްލައިން އިންފްލޭޝަން މިއަހަރު އިތުރުވާނީ %2.2 އާއި 3.2% އާއި ދެމެދުގެ އަދަދަކަށް ކަމަށްވެސް މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފައެވެ. ނަމަވެސް ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން މިކަމުގެ އަސަރު މެލޭޝިއާއަށްވެސް ކުރާނެކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
މަރުކަޒީ ބޭންކްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި މެލޭޝިއާއިން ވަނީ އިޤްޠިޞާދީގޮތުން އެ ޤައުމު ވަރުގަދަކުރުމަށް މަސައްކަތްކޮށްފައެވެ. އެކްސްޕޯޓާއި ރީޓެއިލް ވިޔަފާރިއަށް ހޭދަކޮށްފައިވާ މިންވަރަށް ބަލާއިރު ޢިޤްޠިޞާދު ރަނގަޅުވާ ކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށްވެސް ބީއެންއެމްއިން ބުނެއެވެ.
މި އަހަރުގެ މާޗް މަހުން ފެށިގެން ކޯވިޑުގެ ބަލިމަޑުކަމުގެ ހަތަރުވަނަ ރާޅާއި މެލޭޝިއާއިން ވަނީ ކުރިމަތިލާން ޖެހިފައެވެ. މިކަމުގެ ސަބަބުން އެތައް ކުދި ވިޔަފާރިތަކެއް ހުއްޓާލަން ޖެހި ކޮންމެހެން މުހިންމު ނޫން އިޤްޠިޞާދީ ކަންތައްތައް މަޑުޖައްސާލަން ޖެހުނެވެ.
ކޯވިޑުގެ ސަބަބުން އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް އޭޕްރީލް މަހު އުވާލާފައިވާއިރު މިހާރުވެސް ކޯވިޑް ކޭސްތައް މެލޭޝިއާގައި އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު އެކަނިވެސް 4.6 މިލިއަން ކޯވިޑް ކޭސް ވަނީ ރަޖިސްޓްރީކޮށްފައެވެ.
އިންޓަރެސްޓް ރޭޓު މޭލޭޝިއާއިން މަތިކުރިއިރު އެ ޤައުމުގެ ދިރިއުޅުމުގެ އަގުތައްވެސް ހުރީ އުފުލިފައެވެ.