ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޢަދަދު މިއަދު ރިކޯޑް މިންވަރަކަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ވިދާޅުވެއްޖެއެވެ.
އެމް.އޭ.ސީ.އެލުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޑޮމެސްޓިކް ޓްރެފިކް ނުވަތަ އެތެރޭގެ އުދުހުންތަކުގައި މިއަދު 125 ފްލައިޓް ދަތުރުކޮށްފައިވާކަމަށާއި، މިއީ ރެކޯޑެއްކަމަށް އެކުންފުނިން ބުނެފައިވެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލްގެ ޑޮމެސްޓިކް ޓަރމިނަލުން 3300 އަށްވުރެ ގިނަ ފަސިންޖަރުން ރާއްޖޭގެ އެކި މަންޒިލްތަކަށް ދަތުރުކޮށްފައިވާކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.
ޗުއްޓީ ދުވަސްވަރު ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބާރުބޮޑުވެފައިވާއިރު، ފަސިންޖަރުންނަށް ވީހާވެސް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ. އަދި މި ޢީދު ޗުއްޓީގައި ފަސިންޖަރުންގެ އެއްބާރުލުމާއި އެހީތެރިކަން ވީހާވެސް ބޮޑަކަށް ދިނުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
Today, we are anticipating a record-breaking domestic passenger flow of 3,300 passengers with 125 aircraft movements. ✈️???#VelanaAirport pic.twitter.com/PJrMrc7YGB
— Velana Airport (@VelanaAirport) July 7, 2022
ވީ.އައި.އޭގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަކޮށް، ޓަރމިނަލްތަކަށް އޮންނަ ބާރު ކުޑަކުރުމުގެ ގޮތުން ފްލައިޓް ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ، 3 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިޔުމަށް އެމް.އޭ.ސީ.އެލުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެމް.އޭ.ސީ.އެލްއިން ވިދާޅުވީ، އެއަރޕޯޓުގެ ކިއުތައް ދިގުވުމުގެ ސަބަބުން ފްލައިޓު ޑިލޭތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ފްލައިޓު ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ ކުރިއަށް ވަގުތު އޮތްވާ އެއަރޕޯޓަށް ދިޔުން މުހިންމު ކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.
ކޯވިޑުގެ މި ހާލަތުގައި ދަތުރުކުރާ މީހުން މާސްކު ބޭނުން ކުރުމަށާއި، އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް އަމަލުކުރުމަށްވެސް އެމް.އޭ.ސީ.އެލުން ވަނީ އިލްތިމާސްކޮށްފައެވެ.
ސްކޫލް ބޮޑު ޗުއްޓީ މިހާރު ފެށިފައިވާއިރު، ކުރިއަށްއޮތީ ބޮޑު ޢީދު ޗުއްޓީއެވެ. މިއަހަރުގެ ބޮޑު ޢީދާއި ގުޅިގެން ސަރުކާރު އޮފީސްތައް އެއް ހަފްތާއަށް ބަންދުވެއެވެ.