އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް، ތާވަލުގެ ތިންވަނައަށް ޓީސީ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޓީސީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހައިސަމް ރަޝީދެ. މިއީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ހައިސަމް ޖެހި ތިންވަނަ ލަނޑެވެ.
ޓީސީން ލީޑު ނެގިތާ ތިން ަމިނެޓު ފަހުން ހިލޭ ޖެހުމަކުން ދަ ގްރާންޑޭގެ އަބްދުﷲ ޖުނައިދު (ޖެންނެ) ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ. އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ޓީސީގެ ނިޝާމް މުޙައްމަދު ރަޝީދު (ޕޮގްބާ) އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ހުހަށްހުރެ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް އޮމަރު ސަލާހެވެ.
މި މެޗުގައި ޓީސީން ތިންވަނަ ގޯލު ޖެހީ މެޗުގެ 78 ވަނަ މިނެޓުގައެވެ. އޭރިއާތެރެއިން ހައިސަމް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަޙްމަދު ސާމިއުއެވެ.
މި މޮޅާއެކު ތާވަލުގެ ތިންވަނައަށް ޓީސީ ޖެހިލީ ކުޅުނު 16 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައަށް ވެއްޓުނު ވެލެންސިއާއަށް 16 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ލީގުގެ ފުލުގައި އޮތް ދަ ގްރާންޑޭ އޮތީ 16 މެޗުން އެންމެ ޕޮއިންޓަކާއެކުއެވެ. އެއާއެކު ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމު ކަމަށްވާ ދަ ގްރާންޑޭ ރެލިގޭޝަން ބުރުގައި ކުޅެން ޖެހޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ.