ކުޅިވަރު

ޔޫވީ އަތުން އީގަލްސްއަށް ހަނި މޮޅެއް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ކުލަބު އީގަލްސް ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އަނިޔާ އާއި ސަސްޕެންޝަންގެ ސަބަބުން ދެ ޓީމުގެ ފުރަތަމަ އެގާރައިންވެސް ގިނަ ބަދަލުތަކެއް ފެނިގެންދިޔަ މި މެޗުގައި، ޔޫވީން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ޔޫވީގެ ބެލަރޫސް ފޯވާޑް އިވާން ވެރާސްއަށް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

އެކަމަކު ދެވަނަ ހާފުގައި އީގަލްސްއިން ވަނީ ކުޅުން ރަނގަޅުކޮށް ޔޫވީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން އީގަލްސްގެ އިތުބާރު ފޯވާޑް އަޙްމަދު ރިޒްވާން (ރިޒޭ)ގެ އިތުރުން ހަސަން ރާއިފް އަޙްމަދު (ހަންނަ)އަށް ލަނޑު ޖަހަން ފުރުސަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގައި އީގަލްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 60 ވަނަ މިނެޓުގައި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި މޮޅާއެކު އީގަލްސްއިން ވަނީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ފަސް ޕޮއިންޓަށް ކައިރިއަށް ޖެހިލާފައެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ފަސް މެޗު އޮތްއިރު، މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 45 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އީގަލްސްއަށް 16 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ޔޫވީ އޮތީ ތާވަލުގެ ހަވަނައިގައި 20 ޕޮއިންޓާއެކުއެވެ.