ސްރީލަންކާގެ މަރުކަޒީ ބޭންކުން އެޤައުމުގެ އިންޓްރެސްޓު ރޭޓު ރެކޯޑު އަދަދަކަށް މަތިކޮށްފިއެވެ.
އިންޓްރެސްޓް ރޭޓް މަތިކޮށްފައިވަނީ އިންފްލޭޝަން ކޮންޓްރޯލުކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. އެގޮތުން ސްޓޭންޑިންގެ ލެންޑިން ފެސިލިޓީ ރޭޓު %15.50އަށް އިތުރުކުރިއިރު ސްޓޭންޑިން ޑިޕޮސިޓް ފެސިލިޓީ ރޭޓު ވަނީ %14.50އަށް އިތުރުކޮށްފައެވެ. މިއީ ވޭތުވެދިޔަ 21 އަހަރު ތެރޭގައި ލަންކާގެ އިންޓްރެސްޓް ރޭޓު މިހާ މަތިކުރި ފުރަތަމަ ފަހަރެވެ.
ލަންކާގެ ޖޫން މަހުގެ އިންފްލޭޝަން ވަނީ %54.6އަށް އިތުރުވެފައެވެ. ބޯތަކެތީގެ އިންފްލޭޝަން ޖޫންމަހު ވަނީ %80.1އަށް އަރާފައެވެ.
މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައިވާ ގޮތުން އިންޓްރެސްޓް ރޭޓު އިތުރަށް މަތިކުރުމުން އިންފްލޭޝަން މައްޗަށް ދިޔަނުދީ ކޮންޓްރޯލުކޮށް ހިފެހެއްޓޭނެއެވެ.
ކަރަންޓުގެ ޚިދުމަތް ރަނގަޅަށް ނުލިބުމާއި ހަކަތަ ލިބުން ދަތިވުމުގެ ސަބަބުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެތެރޭގެ އިޤްޠިޞާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށްވެސް މަރުކަޒީ ބޭންކުން ބުނެއެވެ.
ލަންކާއިން ދަނީ ކްރެޑިޓް ފެސިލިޓީއަކާއި ބެހޭގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) މަޝްވަރާ ކުރަމުންނެވެ. މީގެއިތުރުން ބައިލެޓަރަލް އަދި މާލީ އެހީ ހޯދުމަށް މަލްޓިލޭޓަރަލް ޕާޓްނަރުންނާއިވެސް ލަންކާއިން އަންނަނީ ވާހަކަ ދައްކަމުންނެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ގައުމުގެ އިޤްޠިޞާދީ ދުވެލި މުޅިންހެން ހުއްޓި، ބޭރު ފައިސާ ލިބުން ލަންކާއަށް ވަނީ ދަތިވެފައެވެ. މިއާއިއެކު ކާބޯތަކެތީގެ އިތުރުން ގޭހާއި، ބޭސް އަދި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތީގެ އަގު ލަންކާގައި ވަނީ ބޮޑުތަނުން އުފުލިފައެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން ލަންކާގެ ސްކޫލްތައް ބަންދުކޮށް ގިނަ އޮފީސްތަކުން ވަނީ ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ގޮތް ހަމައްޖައްސާފައެވެ. 22 މިލިއަން މީހުން ދިރިއުޅޭ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިޘާއަކީ 1948ވަނަ އަހަރު އިނގިރޭސިންގެ އަތުން އެ ޤައުމަށް މިނިވަންކަން ލިބުނު ފަހުން ދިމާވި އެންމެ ބޮޑު ކާރިޘާކަމަށް އެ ޤައުމުގެ ރައްޔިތުން ބުނެއެވެ..