ޚަބަރު

ބޮޑު ޢީދު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް


ކޯވިޑްގެ ބަލިމަޑުކަމާއިއެކު ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހު އީދުގެ އުފާ އެންމެ ކުލަގަފަކޮށް ފާހަގަވެފައި ނުވިނަމަވެސް، މިއަހަރުގެ ބޮޑު އީދު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަގަދަކޮށް ދަނީ ފާހަގަ ކުރަމުންނެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އީދު ދުވަސް ފަށާފައިވަނީ، އީދު ނަމާދުންނެވެ.

ދިވެހިންގެ ސަޤާފަތާއި ޢާދަކާދައަށް ބަލާއިރު އެންމެ އިހުންފެށިގެންވެސް ޢީދު ފާހަގަކުރަމުން އައި ވަރަށް ކުލަގަދަކޮށް ވަރަށް އުފާވެރި މާހައުލެއްގައެވެ. ހައްޖުދުވަހުގެ މާތްވެގެންވާ ދިހަ ދުވަހަށްފަހު މުސްލިމު އުއްމަތާއި މިއަދު ބައްދަލުކުރި އަޟްޚާ ޢީދަކީ މުސްލިމުންނަށް އައި އުފާވެރި އީދެކެވެ. ކޯވިޑާއިގުޅިގެން ގިނަ ޤައުމުތަކެއްގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއްލިބި މިއީދަކީ ހުޅުވާލެވިގެން އީދުގެ އުފާ ކުލަގަދަކޮށް ފާހަގަކޮށްލަން ފާއިތުވި ދެ އަހަރުގެ ތެރޭގައި ލިބޭ ފުރަތަމަ އީދެވެ.

ޢީދު ނަމާދަށްފަހު ރަށްރަށުގައި އީދުގެ ކުޅިވަރުތަކާއި އީދުގެ ފޯރިވަނީ ފަށާފައެވެ. ރައްޔިތުން އެއްވެ އެއްބައިވަންކަމުގެ ސަޔަކާއިއެކު ބައެއް ރަށްރަށުގައި އީދުގެ ކުޅިވަރުތައް ފަށާފައިވާއިރު އެހެން ރަށްތަކުގައި އީދު ފެންޖެހުމާއި، ކުލަ ޖެހުމާއި، ތަފާތުއެކި ކުޅިވަރު މުބާރާތްތައް ވަނީ ފަށާފައެވެ.

ކުލަގަދަކޮށް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ޢީދު ފާހަގަކުރަމުންދާއިރު، މާލެއިން ރަށްތަކަށް ވަނީ ރެކޯޑު އަދަދަކަށް މީހުން ދަތުރުވެސް ކޮށްފައެވެ. މިގޮތުން ފްލައިޓުތަކުގައާއި، ލޯންޗުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ އެކި ރަށްތަކަށް ގޮސްފައެވެ. ކުޅިވަރުގެ ހަރަކާތްތަކެއް އިންތިޒާމު ނުކުރާ އަދި އީދުގެ ފޯރި ނުނަގާ އެއްވެސް ރަށެއް މިފަހަރު ނެތެވެ. ކޮންމެ ރަށެއްގައިވެސް އީދާއި ގުޅިގެން ކޮންމެވެސް ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

ލަނގިރިޖެހުމާއި، ބޮޑުބެރުޖެމާއި، މާލި ނެރުމާއި، ކޯޑިކެޑުމަކީ ބޮޑުޢީދާ ގުޅިގެން ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ކަންތައްތަކެވެ. ޢީދު ބަންދު ފާހަގަކުރެވިފައިވަނީ ރަށްރަށަށް އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ ބަންދަށެވެ. މިގޮތުން ރާއްޖޭގެ އެންމެ ގިނަމީހުން ދިރިއުޅޭ މާލެއިން އެންމެ ގިނައިން މީހުން ރަށްރަށަށްދާ ބަންދަކީވެސް ޢީދުބަންދުކަން ފާހަގަކޮށްލެވެއެވެ.

އީދުގެ ކުޅިވަރުތަކާއިއެކު އެންމެ ބޮޑަށް އީދުގެ އުފާވެރިކަން އަންނަނީ ގޭގޭގައި ކައްކާ ރަހަމީރު ކެއުންތަކެވެ. ރަށްރަށާއި މާލޭގައިވެސް ޢީދުގެ ސަޔަށް އަދި ވަކިން ޚާއްސަކޮށް މެންދުރުގެ ކެއުމަށް ދައުވަތުތައް ލިބެމުންދެއެވެ. ހަމަގައިމުވެސް މިފަހަރުވެސް މިފަދަ ދަޢުވަތުތައް ލިބެމުންދާނެއެވެ. އާއްމު ގޮތެއްގައި މެންދުރުގެ ކެއުމަށް އެކި ގެތަކުގައި ތަފާތު ބާވަތްބާވަތުގެ ކެއުންތައް ތައްޔާރު ކުރަމުންދެއެވެ.

ކޮންމެ ގެއެއްގެ ސުފުރާމަތި ޢީދުދުވަހު ފެންނާނީ ފުރިފައިވާ މަންޒަރުތަކެވެ. ތާފަތު ރިހަތަކާއި ބަތަތާއި ފޮނިކާތަކެތިން މޭޒުތައް ވާނި ފުރާލާފައެވެ. އަދި ޢީދުގެ ޚާއްސަ އެއްޗެގެ ގޮތަށް ކޮންމެ ގެއެއްގެ ސުފުރާމަތިން ކުކުޅުން ތައްޔާރުކޮށްފައިވާ ކެއުންތައް ފެންނަމުންދާނެއެވެ. މި ކެއުންތަކަށް އިންސާފުކުރުމަށްޓަކައި ޢާއިލާގެ މީހުންނާއި ރައްޓެހެން ގެތަކަށް އަންނާނެއެވެ.

މިފަހަރުގެ އީދު ކުލަގަދަކޮށް އަތޮޅު ތެރޭގައި ފާހަގަކުރުމަށްޓަކައި އަތޮޅު ތެރޭގެ 18 ރަށެއްގައި ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އީދުގެ އުފާ ކުލަގަދަކޮށް ފާހަގަކުރާއިރު، ވިސްނާލަންޖެހޭ ކަންތައްތަކެއްވެސް އެބަހުއްޓެވެ. ކޯވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާއިރު، އީދުގެ އުފާ ފާހަގަކުރާއިރުވެސް މިކަމަށް ޚާއްސަ ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.

ޢީދުގެ ހަރަކާތްތައް ފޯރިއާއެކު މުޅި ރާއްޖޭގައި ކުރިއަށްދާއިރު، މިފަހަރުގެ ޢީދާއި، ވަޅު ޢީދު ދުވަހުގެ ހަވީރު ފައިމަގުގައި އުޅޭގޮތަށް ހަމަޖެއްސުމާއެކު ވަރަށް ގިނަ އަދަދެއްގެ އާއްމުން ވަނީ ހަވީރު ގަޑީގައި އާއިލާއާއި ގާތްތިމާގެ މީހުން އަދި އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ގޮތުން މަގުމައްޗަށް ނިކުމެފައެވެ. ވަކިން ޚާއްސަކޮށް ރަސްފަންނާއި ސޯޝަލް ސެންޓަރު ސަރަޙައްދުގެ އިތުރުން އާޓިފިޝަލް ބީޗު ސަރަޙައްދަށް ގިނަ ބަޔަކު ޖަމާވިކަން ފާހަގަކޮށްލެވެއެވެ.

މި ޢީދަކީ މޫސުން އެހާ ގޯސްނުވިނަމަވެސް، ވިއްސާރަވެ ކަނޑުތައް ކޮންމެވެސް ވަރަކަށް ގަދަވާނެކަމަށް މޫސުމާއިބެހޭ އިދާރާއިން ލަފާކުރާ އީދަކަށްވާއިރު އީދުގެ އުފާ ފާހަގަކުރާއިރު ރަށްކާތެރި ދަތުރަކަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. މިއީދަކީ އެތައް ދުވަހަކު ބަންދުވެ މާސްކު އަޅައިގެން ތިބުމަށްފަހު މިނިވަން ޖައްވެއްގައި އުފާވެރި އީދެއް ފާހަގަކޮށްލުމަށް ލިބޭ އީދަކަށް ވީނަމަވެސް، ކޯވިޑާއި، މޫސުމަށް ސަމާލުވެ އީދުގެ އުފާ ފާޅު ކުރުމަކީ މުހިންމު ކަމެކެވެ.