ޔުއޭފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް ސީގައި އެންމެ ފަހުގެ ޗެމްޕިއަން ނެދަލަންޑްސް އާއި ސްވިޑްން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
ޔޫރަޕްގެ ޗެމްޕިއަނުން ކަމަށްވާ ނެދަލަންޑްސް އާއި ދުނިޔޭގައި ދެވަނައަށް ރޭންކް ކުރެވިފައިވާ ސްވިޑްންގެ ކުރިމަތިލުން ފޯރިގަދަ ވެފައި ވާދަވެރި ވާނެކަމަށް ކުރިންވެސް ބެލެވިފައިވީ ފަދައިން މިމެޗް ވެގެންދިޔައީ އެހާމެ ވާދަވެރި މެޗަކަށެވެ. މިގޮތުން މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދުމުގައި ކުޑަތަންކޮޅެއް ސްވިޑްން ކޮޅަށް ބުރަވި ނަމަވެސް ދެތީމްގެ ފަރާތުން މިމެޗގައި ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ.
މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްވިޑްންއެވެ. މިލަނޑު މެޗްގެ 35 ވަނަ މިނެޓްގައި އެޓީމަށް ޖަހާދިނީ ޔޯނާ އެންޑަރސަންެއެވެ. މިހާފްގައި ނެދަލަންޑްސްއަށް ވުރެ ސްވިޑްންގެ ކުޅުން ރަނގަޅު ކަމަށް ފެނުނުއިރު ދެވަނަ ހާފްގައި ނެދަލަންޑްސްއިން ވަނީ ކުޅުން ރަނގަޅުކޮށް ސްވިޑްންގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. މިގޮތުން މެޗްގެ 52 ވަނަ މިނެޓްގައި ޖިލް ރޫޑް ވަނީ ލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗް ބަލާލުމަށް 21 ހާސް 342 ކުޅިބެލުންތެރިން ދަނޑަށް ވަދެފައިވެއެވެ. މިއީ މުބާރާތް ބާއްވާ ރަށުގެ ޓީމް ނޫން އެހެން ދެޓީމް ކުޅުނު މެޗަކަށް އެންމެ ގިނަ ކުޅިބެލުންތެރިން ވިމެންސް ޔޫރޯގައި ވަން ފަހަރެވެ.