ދެކުނު ކޮރެއާއާއި ވިއެޓްނާމާއި ދެމެދެ އަންނަ އަހަރު ކުރާ ވިޔަފާރިތަކުގެ އަގު 100 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދެ ޤައުމުން އެއްބަސްވެއްޖެކަމުގައި ވިއެޓްނާމްގެ ސަރުކާރުން ބުނެފިއެވެ.
ދެ ޤައުމުގެ ދެމެދުގައި ކުރި ވިޔަފާރީގެ އަގު މިދިޔަ އަހަރު 75 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރިއިރު 2030 ވަނަ އަހަރު 150 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށްވެސް ދެ ޤައުމުން ވަނީ ނިންމާފައެވެ.
ވިޔަފާރީގެ މި އެއްބަސްވުން ނިންމާފައިވަނީ ދެކުނު ކޮރެއާގެ ބޮޑު ވަޒީރު ހެން ޑަކް ސޫ އާއި ވިއެޓްނާމްގެ ބޮޑުވަޒީރު ފާމް މިން ޗިން އާއި ދެމެދު ބަދަލުކުރެވުނު ފޯން ކޯލެއްގައެވެ.
ދެކުނު ކޮރެއާ އަކީ ވިއެޓްނާމް ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ ޤައުމެކެވެ. އަދި ވިއެޓްނާމަށް ބޭރުގެ އިންވެސްޓްމެންޓުތައް ހޯދައިދޭން މެދުވެރިޔާ މައިގަނޑު ޤައުމެވެ.
ދެކުނު ކޮރެއާގެ ސެމްސަންގް އިލެކްޓްރޯނިކްސް އަކީ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު ސިންގަލް ފޮރިން އިންވެސްޓަރެވެ.
ވިއެޓްނާމުން ވަނީ މިދިޔަ އަހަރު ދެކުނު ކޮރެއާއަށް ޓްރޭޑް ޑެފިސިޓްގެ ގޮތުގައި 34 ބިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހިފައެވެ. ދެކުނު ކޮރެއާއިން ވިއެޓްނާމަށް އެންމެ ގިނައިން އިމްޕޯޓުކުރާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކް މެޝިނަރީޒް، މައުދަން، ޕްލާސްޓިކް، ފޮތި އަދި ހަކަތަ ހިމެނެއެވެ.