ދަރަނި ކޮންޓްރޯލުކުރުމުގެ ގޮތުން 21 ބިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮޖެކްޓްތައް ކެންސަލްކުރަން ޒެމްބިއާއިން ނިންމައިފިކަމަށް އެ ޤައުމުގެ މާލީ ވުޒާރާއިން ބުނެފިއެވެ.
ނަމަވެސް މިކަމާއިބެހޭ އިތުރު ތަފްސީލެއް އެ ވުޒާރާއަކުން ނުދެއެވެ.
ޒެމްބިއާ އަކީ 2020 ވަނަ އަހަރު ކޯވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ލޯނުތަކެއް ނަގައި އެ ދައްކަންޖެހޭ ވަގުތު ޖެހުނުއިރުވެސް ނުދެއްކި ޑީފޯލްޓުވި ފުރަތަމަ ޤައުމެވެ. ދައްކަންޖެހޭ ލޯނުގެ އަދަދު 17.27 ބިލިއަން އެމެރިކާ ޑޮލަރަށް އެރިއިރު، ޗައިނާއަށް ދައްކަންޖެހޭ 5.78 ބިލިއަން އެމެރިކާ ޑޮލަރުވެސް މީގެތެރޭގައި ހިމެނެއެވެ. ލޯނުތައް އަދާކުރުމާއި ގުޅޭގޮތުން އިންޓަނޭޝަނަލަ މަނިޓަރީ ފަންޑާއި ޒެމްބިއާއިން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.
މައިގަނޑު ގޮތެއްގައި ދަނޑުވެރިކަމުން ރަނގަޅު އާމްދަނީއެއް ނުލިބި ޒެމްބިއާގެ މިއަހަރުގެ އިޤްޠީޞާދީ ދުވެލި %3.1 އަށް މަޑުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެކުރިން މިދިޔަ އަހަރު މި އަދަދު ހުރީ %3.6 ގައެވެ.
އެފްރިކާގައި ދެވަނައަށް އެންމެ ގިނައިން ކޮޕާ އުފައްދާ ޒެމްބިއާގެ އިޤްޠިޞާދީ ދުވެލި އަންނަ އަހަރު %4 އަށް ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 2024 ވަނަ އަހަރު އެ ޤައުމުގެ އިޤްޠިޞާދީ ދުވެލި ކުރިއަރާނީ %4.1 އަށް ކަމަށް ލަފާކޮށްފައިވާއިރު 2025 ވަނަ އަހަރު އިޤްޠިޞާދީ ދުވެލި ކުރިއަރާނީ 4.4% އަށްކަމަށްވެސް މާލީ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.