އަންނަ ހުކުރު ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕަށް ޚާއްސަކޮށް ބޭރުގެ ޑެލިގޭޓުން ރާއްޖެ އަންނަން ފަށައިފިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގައެވެ. އޭޝިއާ ބައްރުގެ 26 ގަައުމަކުން 500 އަށްވުރެ ގިނަ ބައިވެރިން މި މުބާރާތުގައި ވާދަަކުރާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބާއްވާ ބައިނަލްއަގުވާމީ އެންމެ ފުރަތަމަ ބޮޑީބިލްޑިން މުބާރާތެވެ.
މި ފަހަރުގެ މުބާރާތަށް ބޭރުގެ ޑެލިގޭޓުން ރާއްޖެ އަންނަން ފަށާފައިވާއިރު، އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަނުގެ ރައީސް ސިންގަޕޫރުގެ ދާތުކް ޕޯލް ޗުއާވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި މުބާރާތުގެ ޖަޖް ކޮމިޓީގެ ޗެއާޕާސަން ކްރިސްޓީނާ ކޭމްވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. މި މުބާރާތުގައި 31 ޖަޖުން ހަރަކާތްތެރިވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން މައުލޫމާތުދެއެވެ.
މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ބީބީއޭއެމުގެ ނައިބު ރައީސް އަޙްމަދު އައިމަން ވިދާޅުވީ މި މުބާރާތުގެ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޢީދު ކުޅިވަރުތަކަށްފަހު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ މާފުށީފައި މުޅިން އައު ހަރަކާތްތަކެއް ފޯރިއާއެކު ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއިން މި މުބާރާތުގައި 20 އެތުލީޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ރާއްޖެއަށް މީގެކުރިން މެޑެލް ހާސިލުކޮށްދިން އެތުލީޓުންނާއި އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ އެތުލީޓުން ހިމެނެއެވެ.
އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، އެ މުއްދަތުގެ ތެރޭގައި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަނުގެ ކޮންގްރެސްވެސް ރާއްޖޭގައި ބާއްވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.