ކުޅިވަރު

ވެލެންސިއާ ބަލިކޮށް ގްރީން ސްޓްރީޓްސް ހަތަރުވަނައަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ކުލަބު ގްރީން ސްޓްރީޓްސް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗު ގްރީނުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު މި ފަހަރުގެ ލީގުގައި ކުޅުނު ތިން މެޗުންވެސް ގްރީން ވަނީ ވެލެންސިއާގެ މައްޗަށް ކުރިހޯދާފައެވެ.

އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މި މެޗު ފަށައިގެން ވަރަށް ކުރީކޮޅު ގްރީނުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ހަސަން ނަޒީމް ގާސިމް (ޗޯޓު) ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޮލަމްބިއާގެ ފޯވާޑް ހޯސޭ އަވީލާއެވެ. އެކަމަކު މެޗުގެ 30 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ކެޕްޓަން ހަސަން ސުފިޔާން (ސޫފީ) ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އެވެ.

މި މެޗުގައި ގްރީނުން އަލުން ލީޑު ނަގާފައިވަނީ މެޗުގެ 63 ވަަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ދެ މިނެޓު ތެރޭގައި، ލިބުނު ފުރަތަމަ ބޯޅައިން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުއާން ކާލޯސްއެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު ފައިސަލާއި ޑިފެންޑަރު އަޙްމަދު ސިޒާން (ސިއްޕެ) ހެދި ގޯހެއްގެ ފައިދާ ނަގައި، ހުއާން ކާލޯސް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

މި މެޗުގައި ވެލެންސިއާއިން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ތެރޭގައެވެ. ބަދަލެއްގެ ގޮތުގައި ކުޅެން އެރި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިސްރުގެ މިޑްފީލްޑަރު ޚަލީލް ޖަމާލެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރުވަނައަށް ގްރީން ޖެހިލީ ފަސްވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ އެއްވަރަށް ޕޮއިންޓް ހޯދައިގެން، ލަނޑުގެ ތަފާތުންނެވެ. އެގޮތުން ހަތަރުވަނައިގައި އޮތް ގްރީން އާއި ފަސްވަނައިގައި އޮތް ޔޫވީއަށްވެސް ވަނީ ކުޅުނު 17 މެޗުން 23 ޕޮއިންޓް ލިބިފައެވެ. އަދި ވެލެންސިއާ ހަވަނައިގައި އޮތީ 17 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ.