ކުޅިވަރު

ސަސް ކޮޅަށް ޖެހި 10 ލަނޑާއެކު މާޒިޔާއަށް ބޮޑު ލީޑެއް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ފަހަރުގެ ލީގުގައި މާޒިޔާއިން ހޯދި ދެވަނައަށް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. އެގޮތުން ލީގުގެ ދެވަނަ ބުރުގައި މާޒިޔާ ވަނީ ވެލެންސިއާ އަތުން 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި މާޒިޔާއިން ލީޑު ނެގީ މެޗުގެ 14 ވަނަ މިނެޓުގައި ސެއިންޓް ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ލަނޑުންނެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން ވަނީ އިތުރު ތިން ލަނޑު ޖަހާފައެވެ.

އެގޮތުން މާޒިޔާ އިން ލީޑުފުޅާކުރީ މެޗުގެ 28 ވަަނަ މިނެޓުގައި ޓަނާ ޑޮމިންގޭޒް ޖަހައިދިން ލަނޑުންނެވެ. އަދު އޭގެ ދެ މިނެޓު ފަހުން ހަމްޒާ މުޙައްމަދު (ހަމްޕު) މާޒިޔާގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، މެޗުގެ 37 ވަނަ މިނެޓުގައި މާޒިޔާގެ ހަތަރުވަނަ ލަނޑުވެސް ޖަހައިދިނީ ހަމްޕުއެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި މާޒިޔާއިން ވަނީ ފަސްވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އައިސަމެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި ޓަނާ މާޒިޔާގެ ހަވަނަ ލަނޑު ޖަހައިދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން ހަމްޕު ވަނީ ލަނޑެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަަމަކޮށްފައެވެ.

މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި އަށްވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަސަދުﷲ އަބްދުﷲ އެވެ. އަދި މެޗުގެ 81 ވަނަ މިނެޓުގައި އައިސަމް މާޒިޔާގެ ނުވަވަނަ ލަނޑު ޖަހައިދިންއިރު، އޭގެ ތިން މިނެޓު ފަހުން އަސަދުﷲ ވަނީ އެ ޓީމުގެ 10 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މޮޅާއެކު މާޒިޔާ ވަނީ ޖެހިޖެހިގެން ތިން ފަހަރު ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލާފައެވެ. އެގޮތުން ކުޅުނު 17 މެޗުން 48 ޕޮއިންޓާއެކު މާޒިޔާ އެއްވަނައިގައި އޮތްއިރު، ލީގު ކާމިޔާބުކުރަން ބާކީ އޮތް ހަތަރު މެޗުން އެ ޓީމަށް ބޭނުންވަނީ ފަސް ޕޮއިންޓެވެ. މާޒިޔާ އާއި ތާވަލުގެ ދެވަނައިގައި އޮތް އީގަލްސްއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އޮތްއިރު، އީގަލްސްއަށް 17 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.

އަދި މާޒިޔާ އަތުން ބަލިވި ސަސް އޮތީ ތާވަލުގެ ހަތްވަނައިގައި 17 މެޗުން 14 ޕޮއިންޓާއެކުއެވެ. ތާވަލުގެ ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.