ދުނިޔޭގެ ވިޔަފާރި

އެމެރިކާއިން ޔުކްރެއިނަށް އިތުރު އެއް ބިލިއަން ޑޮލަރުގެ އެހީ


ޔުކްރެއިންގެ ސިއްޚި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މުސާރަ ދިނުމުގެ ގޮތުން އެމެރިކާއިން ޔުކްރެއިނަށް އިތުރު 1.7 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދީފިއެވެ.

މި އެހީއިން އެހެނިހެން މުހިންމު މަސައްކަތްތައްވެސް ކުރާނެކަމަށް ހަބަރުތައް ބުނެއެވެ.

ޔޫއެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން ނެރުނު ބަޔާނެއްގައި ބުނާގޮތުގައި ޔުކްރެއިނަށްދޭ މި އެހީއަކީ ޔޫއެސް ޓްރެޝަރީ ޑިޕާޓްމަންޓް، ވޯލްޑް ބޭންކް އަދި ޔޫއެސްއެއިޑްއިން ދޭ އެހީއެކެވެ. މި އެހީއަކީ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ޔުކްރެއިނަށް ދިމާވެފައިވާ ބަޖެޓް ޑެފިސިޓުން އަރައިގަތުމަށް ދިން އެހީއެއް ކަމަށްވެސް އެ ބަޔާނުގައި ބުނެއެވެ.

ހަނގުރާމައިގެ ސަބަބުން ޔުކްރެއިންގެ ވަރަށް ގިނަ ސިއްޚި ޚިދުމަތްތެރިން ވަނީ އެ ޤައުމު ދޫކޮށް ގޮސްފައެވެ. އަދި ބައެއް ހޮސްޕިޓަލްތައް ބަންދުކޮށްފައިވާއިރު ބައެއް ހޮސްޕިޓަލްތަކަށް ވަނީ ބޮން އަޅާފައެވެ. މިހާރު ތިބި ސިއްޚީ ޚިދުމަތްތެރިން މަސައްކަތް ކުރަމުން ދަނީ ފުރާނަ އަތްމައްޗަށް ލައިގެން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސިއްޚި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިއަށްއޮތްތަނުގައި މުސާރަ ދިނުން ވާނީ އުނދަގޫކަމަކަށްކަމަށް ޔުކްރެއިންގެ ސިއްޚަތާއި ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި އެހީގެ އިތުރުން ޔޫއެސްއެއިޑުން މިހާތަނަށް 4 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ޔުކްރެއިން ސަރުކާރަށް ވަނީ ދީފައެވެ. މި އެހީ ބޭނުންކޮށްފައި ވަނީ ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށް ގޭހާ ކަރަންޓުގެ ޚިދުމަތް ދިނުމަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު ގަތުމަށާއި ސިވިލް ސާވެންޓުންނަށާއި ޓީޒަރުންނަށް އަދި އެނޫންވެސް މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ.

އަސްކަރީ ސާމާނު ގަތުމަށް އިތުރު 400 މިލިއަން އެމެރިކާ ޑޮލަރު ޔޫކްރެއިނަށް ދޭނެކަމަށްވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައެވެ.

މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު ރަޝިއާއާއި ޔުކްރެއިން ހަނގުރާމަ ފެށިފަހުން 7.3 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ އެމެރިކާއިން ވަނީ މިހާތަނަށް ޔުކްރެއިނަށް ދީފައެވެ.