ޚަބަރު

އެކައުންޓިންގ ދާއިރާގެ ފަރާތްތަކަށް ޚާއްސަ ފޯރަމެއް ބާއްވަނީ


ރާއްޖޭގައި އެކައުންޓިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްސަ ޓެކްނިކަލް ފޯރަމެއް ބޭއްވުމަށް އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްއިން ނިންމައިފިއެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 20 އިން 21 އަށެވެ.

ސީއޭ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމަކީ އައިއެފް.އާރް.އެސް އަދި އައި.އެސް.އޭ.އެސް ފޯރަމްގެ ނަމުގައި އެކައުންޓަންޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޓެކްނިކަލް ފޯރަމެކެވެ. ދެ ދުވަހަށް ކުރިއަށްދާ މި ފޯރަމް އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިސްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައެވެ. މި ފޯރަމުގައި ބައިވެރިވުމަށް މިހާރު ވަނީ ރަޖިސްޓްރޭޝަނަށް ހުޅުވާލާފައެވެ.

މިފަދަ ފޯރަމެއް އިންތިޒާމު ކުރުމުގެ މައިގަނޑު މަޤްޞަދަކީ ސީއޭ މޯލްޑިވްސްގެ މެމްބަރުންނާއި، ރާއްޖޭގައި އެކައުންޓިންގ ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަޢުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް މަގުފަހިކޮށްދިނުންކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ.

މި ފޯރަމްގައި މެލޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓްސް، މިކްޕާގެ ދެ މެމްބަރުންގެ އިތުރުން ރާއްޖޭގެ އެކައުންޓިންގ ދާއިރާގެ ތަޖުރިބާކާރުންގެ ފަންނީ ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލަން ހަމަޖެހިފައިވަނީ އެކައުންޓިންގ ސްޓޭންޑަޑްސްގެ އެންމެފަހުގެ އަޕްޑޭޓްތަކާއި، އަލަށް ނެރުނު ސްޓޭންޑަޑްތަކުގެ އިތުރުން ސްޓޭންޑަޑްތަކުގެ ޕްރެކްޓިކަލް އެޕްލިކޭޝަނަށެވެ.

ސީއޭ މޯލްޑިވްސްއިން ބުނީ މި ފޯރަމް އަމާޒުކޮށްފައިވަނީ އެ އިންސްޓިޓިއުޓްގެ މެމްބަރުންނަށާއި، އެކައުންޓިންގ ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އެކައުންޓިންގ ދާއިރާގައި ތަޢުލީމު ޙާޞިލުކުރަމުންގެންދާ ދަރިވަރުންނަށްކަމަށެވެ. އަދި މި ފޯރަމްގައި ބައިވެރިވާ ފަރާތްތަކުގެ އަތުން ރަޖިސްޓްރޭޝަން ފީއެއް ނެގުމަށް ހަމަޖެހިފައިވެއެވެ.

މި ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު އަންނަމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ފޯރަމްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ.