ހުރާވީ ބިލްޑިންގ ތަޅާލާ، އެތަނުގައި ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށް މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދިޔަ ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ކުޑަކޮށް މަޑުޖެހިގެންދިޔައީ މިދޭތެރެއިން މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ކުރުމުގައި ދިމާވި ބައެއް ގޮންޖެހުންތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، އެ އިމާރާތް ތަޅާލާ، އެ ސަރަޙައްދު ހުސްކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ، ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ނިމުމާއެކު، އެތަނުގައި ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އާއްމުން ހިތްހަމަޖައްސާލުމަށް ބޭނުންކުރެވޭނެހެން ތަރައްޤީކުރާ މި ޕާކު ޑިޒައިންކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އަކްރަމް ވިދާޅުވިއެވެ. މިއީ ވެހިކަލްތަކަށްވެސް ޕާކުކުރެވޭނެ ޖާގައާއެކު ތަރައްޤީކުރާ ޕާކެކެވެ. އަކްރަމް ވިދާޅުވީ، މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ މި ޕާކުގެ މަސައްކަތް އޯގަސްޓްމަހުގެ ތެރޭގައި ނިންމާލުމަށްކަމަށެވެ.
"ވިއްސާރައިގެ ސަބަބުން އަޅުގަނޑުމެން ކުރިން ކަނޑައެޅި ތާރީޚުގައި އެކަމެއް ނުނިމޭނެ. އެހެންވީމަ ކުޑަ ލަސްކަމެއް އަންނާނެ. ބިން ސާފުކޮށް ނިންމާލެވޭތޯ މި ބަލަނީ މިމަހުގެ ނިޔަލަށް. އަދި ޕާކުގެ މަސައްކަތް އޯގަސްޓްމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް މި ބަލަނީ" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ، ހުރަވީ ބިލްޑިންގ ހިމެނޭ ސަރަޙައްދުގައި މާލޭ ހުކުރު މިސްކިތްވެސް ހުރުމާއެކު، އެ އިމާރާތް ތަޅާލުމާއި ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާނީ ހުކުރު މިސްކިތަށް ގެއްލުން ނުވާނެހެން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްގެންކަމަށެވެ.
ހުރަވީ ބިލްޑިއަންގ އަކީ 35 އަހަރަށްވުރެ ގިނަ ދުވަސްވީ ޢިމާރާތެކެވެ. ހުރަވީ ބިލްޑިން ބާވެ އެތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ކަނޑައަޅާފައި ވަނިކޮށް، ވަރަށް ފަހަކާ ޖެހެންދެންވެސް އެ ޢިމާރާތް ބޭނުންކުރިއެވެ. އެ ޢިމާރާތުގައި ދައުލަތުގެ ގިނަ މުއައްސަސާތަކެއް ހިންގިއެވެ.
އޭގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައްވެސް ވަރަށްފަހަކާ ޖެހެންދެން ހިންގިއެވެ. އެ ޢިމާރާތް ބޭނުންކުރަމުން އައިރުވެސް ތަފާތު އެކި ހާދިސާތައް ހިންގާފައިވެއެވެ.
ހުރަވީ ބިލްޑިންގްގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅައިލަން 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންވެސް ނިންމިއެވެ. ނަމަވެސް ސަރުކާރު އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް އޭރު ނެތުމުން އެކަން ކޮށްފައެއްނުވެއެވެ. ހުރަވީ ބިލްޑިންގަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ހެދި އޮފީސް ޢިމާރާތެކެވެ.