ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ އިޤްޠިޞާދީ ދުވެލި މި މަހުވެސް ދަށްވާނެ - އައިއެމްއެފް


ދުނިޔޭގެ އިޤްޠިޞާދީ ދުވެލި މި މަހުވެސް ދަށްވާނެކަމަށް ލަފާކޮށްފައިވާކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އިޤްޠިޞާދީ ދުވެލި ދަށްވާނެކަމަށް އައިއެމްއެފް އިން އެންމެ ފަހުން ލަފާކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުއެވެ. އެ ފަހަރު އިޤްޠިޞާދީ ދުވެލި %3.6އަށް ދަށްވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އިޤްޠިޞާދީ ދުވެލި ދަށްވާން މެދުވެރިވެ ސަބަބުތަކަކީ ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ކޯވިޑުގެ ބަލިމަޑުކަން ކަމަށް ކްރިސްޓަލީނާ ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން އެތައް މިލިއަން މީހުންގެ ދިރިއުޅުމުގެ އަގުތައް ވަނީ އަތްނުފޯރާ ފަށަށް ގޮސްފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ފަޤީރުންނަށްކަންވެސް ކްރިސްޓަލީނާ ފާހަގަކުރެއްވިއެވެ.

އިންފްލޭޝަންގެ ސަބަބުން ގިނަ ޤައުމުތަކެއްގެ އިޤްޠިޞާދީ ދުވެލި ދަށްވެ، ލޯނު އަނބުރާ ދެއްކިއިރު ފައިސާ އިތުރަށް ދައްކަން ޖެހުނު ކަމަށް ކްރިސްޓަލީނާ ވަނީ ވިދާޅުވެފައެވެ. އައިއެމްއެފްއިން ބުނާގޮތުގައި %75 މަރުކަޒީ ބޭންކުތަކުން މިދިޔަ އަހަރު ވަނީ އިންޓަރެސްޓް ރޭޓު މަތިކޮށްފައެވެ. އަދި އެއީ އެވަރޭޖްކޮށް 3.8 ފަހަރުއެވެ.

އިންޓްރެސްޓް ރޭޓު އާންމުކޮށް މަތިކުރާނީ އިންފްލޭޝަން ކޮންޓޯލް ކުރުމަށެވެ. އިންފްލޭޝަން މަތިވެއްޖެނަމަ ކުންފުނިތަކުންނާއި އަމިއްލަ ފަރުދުންގެ ލޯނުތައް އަނބުރާ ދެއްކުމަށް ގިނަ ފައިސާ ބޭނުންވާނެއެވެ.