ޚަބަރު

ޖޫންމަހުގެ ނިޔަލަށް 90 މައްސަލައެއްގައި ދަޢުވާކޮށްފި


މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ބަންޑާރަ ނައިބުގެ އޮފީހުން 90 މައްސަލައެއްގައި ދަޢުވާ ކޮށްފައިވާކަމަށް އެއޮފީހުން ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެއޮފީހުން 90 މައްސަލައެއްގައި ދައުވާ ކޮށްފައިވާއިރު، ދައުލަތަށް ރައްދުވާ ދައުވާތަކުގެ އަދަދަކީ 93 އެވެ.

ބަންޑާރަ ނައިބް އޮފީހުން އެންމެ ގިނަ އަދަދަކަށް ދައުވާ ކޮށްފައިވަނީ، އާއިލީ މައްސަލަތަކުގައެވެ. އެގޮތުން ފެމިލީ ކޯޓަށް ވަނީ 38 މައްސަލައެއް ހުށަހަޅާފައެވެ. ސިވިލްކޯޓަށް 33 މައްސަލައެއްގައި ދައުވާ ކުރަން ހުށަހެޅިއިރު، މެޖިސްޓްރޭޓް ކޯޓުތަކަށް 8 މައްސަލަ އަދި ހައިކޯޓަށް 9 މައްސަލާގައި ދައުވަ ކުރުމަށް ވަނީ ހުށަހަޅާފައެވެ. މިމުއްދަތުގައި ސްޕްރީމް ކޯޓަށްވެސް 2 މައްސަލައެއްގައި ދައުވާ ކުރުމަށް ބަންޑާރަ ނައިބް އޮފީހުން ވަނީ ހުށަހަޅާފައެވެ.

ބަންޑާރަ ނައިބް އޮފީހަށް ދައުވާ ލިބޭ 93 މައްސަލަގައިގެ ތެރޭގައި ހިމެނެނީ، ސިވިލް ކޯޓުގެ 48 މައްސަލައަކާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ 22 މައްސަލައަކާއި، ހައިކޯޓުގެ 13 މައްސަލައަކާއި، ސްޕްރީމް ކޯޓުގެ 8 މައްސަލައެވެ. ދެން ހިމެނޭ ދެ މައްސަލައަކީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލާއި، އާބިޓްރޭޝަން ސެންޓަރުގެ މައްސަލައެކެވެ.

ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި، ދަޢުލަތުން ވަނީ 109 މައްސަލައެއްގައި ޝާމިލުވާ 77 މީހަކަށް ޤާނޫނީ ވަކީލުން ހަމަޖައްސާފައެވެ. މީގެތެރެއިން ދަޢުލަތުން އެންމެ ގިނަ އަދަދަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވަނީ ކުޑަކުދިންނަށެވެ. އެގޮތުން ޖިނާއީ އެކި ކުށްތަކުގައި، 40 ކުއްޖަކަށް ވަނީ ދައުލަތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެޓަރނީ ޖެނަރަލްގެ މަޤާމާ އިބްރާހީމް ރިފްއަތު ޙަވާލުވެވަޑައިގެންނެވިފަހުން، އެމަނިކުފާނު ގެންދަވަނީ އެ އޮފީހުން ދެއްވަމުންދާ ޤާނޫނީ ލަފާތަކާއި ދައުވާކުރާ މައްސަލަތަކާއި ދައުވާ ލިބޭ މައްސަލަތަކުގެ ތަފާސް ހިސާބު އާންމު ކުރައްވަމުންނެވެ. އަދި ޢާންމު މަސްލަހަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގައިވެސް އެޓަރނީ ޖެނަރަލްގެ އޮފީހުން ގެންދަވަނީ ތަފްސީލުކޮށް، އެ މަޢުލޫމާތު އާންމުކުރައްވަމުންނެވެ.