ޚަބަރު

ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ ތަމްރީންތައް ފަށައިފި


މިއަހަރުގެ ސެޕްޓެމްބަރުމަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ސްޓެޓިސްޓިކް ބިއުރޯއިން ފަށައިފިއެވެ.

އެކި ދުވަސްތަކަށް ބަހާލައިގެން މި ތަމްރީންތައް ކުރިއަށްގެންދާއިރު ސެޕްޓެމްބަރުމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ މީހުން ތަމްރީންކުރުމުގެ މަސައްކަތްތައް ފަށާފައިވާއިރު އެންމެ ފުރަތަމަ ތަމްރީން ކުރުމަށް ހަމަޖެހިފައި ވަނީ ޓްރެއިނަރުންނެވެ. މިގޮތުން މި މަސައްކަތުގައި އުޅޭނެ 100 ޓްރެއިނަރުން ތަމްރީން ކުރުމަށް ހަމަޖެހިފައިވަނީ 2 ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗްގެ ތަމްރީންތައް ކުރިއަށް ގެންދަނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ދެވަނަ ބެޗްގެ ތަމްރީންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހަށެވެ. މި ތަމްރީންތައް ކުރިއަށް ގެންދަނީ މާލޭގައެވެ.

މީގެ އިތުރުން ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ 4400 އެނިއުމަރޭޓަރުން ތަމްރީން ކުރުމުގެ މަސައްކަތްތައް މިމަހުގެ 31 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިމަހުގެ 31 އިން އަންނަމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅު އެނިއުމަރޭޓަރުންގެ ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ރައުންޑަކަށް ބަހާލައިގެންނެވެ.

މާލެ ސަރައްޙައްދުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން ތަމްރީން ކުރުމުގެ މަސައްކަތް ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ. މިގޮތުން 4 ބެޗަކަށް ބަހާލައިގެން ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ސްޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހާއި ހަމަޔަށް މި ތަމްރީންތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ސްޓެޓިސްޓިކް ބިއުރޯއިން ވިދާޅުވީ މި ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ދުވަހުގެ މުއްދަތަކަށްކަމަށެވެ. މިގޮތުން އަތޮޅުތަކުގައި ކުރިއަށްގެންދާ ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތަމްރީންތައް އޮންނަ ދުވަސްތަކުގެ ހެނދުނު 9:00އިން ހަވީރު 5:00 އަށެވެ. އަދި މާލޭގައި ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

ބޯހިމެނުމުގެ މަސައްކަތަށް އަތޮޅުތަކަށް 1991 މީހުން ބޭނުންވެއެވެ. މާލެ ސަރަހައްދަށް ބޭނުންވަނީ 2409 މީހުންނެވެ. މި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ ތަމްރީނަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.

މިފަހަރުގެ ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި މިވަނީ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން އަދި އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނުގެ ބޯހިމެނުމެވެ. މިގޮތުން ބޯހިމެނުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ތާރީހަކީ ސެޕްޓެމްބަރު މަހުގެ13 އިން 25 އަށެވެ. 13 އިން 14 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ އަދި މަސައްކަތް ހިންގާ ހުރިހާ ތަންތަނުގެ ލިސްޓިންގ ނެގުމުގެ މަސައްކަތެވެ. އަދި 17 އިން 25 އަށް ކުރިއަށްދާނީ ވަކިވަކި ގޭބިސީތަކަށް ގޮސްގެން ދިރިއުޅޭ ތަންތަނާއިބެހޭ މައުލޫމާތު އަދި ވަކި ވަކި މީހުންގެ މައުލޫމާތު ނެގުމުގެ މަސައްކަތެވެ. ބޯހިމެނުމަށްޓަކައި މަޢުލޫމާތުތައް ނެގުމަށް މި ޓީމުން ތަންތަނަށް ޒިޔާރަތް ކުރާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން އިރުއޮއްސި 6:00 ޖެހުމާއި ދެމެދުގައެވެ.

މިއަހަރުގެ ބޯހިމެނުގައި އާންމު ފަރުދުންގެ ފަރާތުން ދިރިއުޅޭ ތަނާއި ބެހޭ މައުލޫމާތުތަކާއި، ދިރިއުޅޭ ތަނުގެ ބޮޑުމިނާއި، މީހުންގެ އުފަން ތާރީޚާއި އުމުރާއި ޖިންސު ފަދަ މަޢޫލޫމާތުތައް ނަގާނެއެވެ. އަދި ތަޢުލީމީ ފެންވަރާއި، އަދާކުރާ ވަޒީފާއާއި، ލިބޭ އާމްދަނީއާއި ޚަރަދުތަކުގެ ތަފްޞީލުގެ އިތުރުން ފުރަތަމަ ކައިވެނި ކުރި އުމުރާއި، ދަރިންގެ އަދަދާއި، ފުރަތަމަ ދަރިފުޅު ލިބުނު އުމުރު ފަދަ މަޢުލޫމާތުތައް އެއްކުރާނެއެވެ.

މީގެ އިތުރުން މަސައްކަތް ހިންގާ ތަންތަނުން، ތަނުގެ ރަޖިސްޓްރޭޝަން ނަންބަރުގެ މައުލޫމާތުތަކާއި، ތަނުގައި ހިންގާ މައިގަނޑު މަސައްކަތުގެ ތަފްޞީލާއި، ވަޒީފާގައި ގެންގުޅޭ މުވައްޒަފުންގެ އަދަދުގެ އިތުރަށް، ތަނުގެ އާމްދަނީއާއި ޚަރަދުގެ މަޢޫލޫމާތުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ އާބާދީއާއި ބޯހިމެނުމުގެ ބައެއް މަޢުލޫމާތުތައް އޮކްޓޯބަރު 6 ވަނަ ދުވަހު ޢާއްމުކުރާނެއެވެ. އަދި މުޅި ސަރވޭގެ މަޢުލޫމާތު ހާމަކުރާނީ ޤައުމީ ތަފާސް ހިސާބުތަކުގެ ދުވަސްކަމަށްވާ އޮކްޓޯބަރު 20ގައެވެ.