ޚަބަރު

އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ 2 ގޮފި އުވާލައިފި


ރާއްޖޭގެ ދެކުނާއި އުތުރުގައި ޤާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮފި އުވާލުމަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ ޖޫން 27 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ކޯޓުތަކުގެ ޤާނޫނުގެ ދަށުން އުތުރާއި ދެކުނުގައި ގޮފި ހަދައި ޚިދުމަތް ދޭން ފެށީ 2015 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް އެކޯޓުތަކަށް ބޮޑެތި ހޭދަތައްކޮށް ރަނގަޅު ނަތީޖާއެއް ނުލިބޭކަމުގެ ޝަކުވާއަކީ ބޮޑު ޝަކުވާއެކެވެ.

މިޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، ހައިކޯޓުގެ ފަނޑިޔާރުން ޤާއިމްވެ ތިބޭނީ މާލޭގައި ކަމަށް ކަނޑައެޅުމާއި، ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައްވައި އެތަންތަނުން ކުރަމުން އައި މަސައްކަތްތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަދަލުކުރެއްވުމެވެ. އަދި ހައިކޯޓުގެ ގޮފިތަކުގެ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެންކޯޓުތަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައިދެއްވުމުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޙަވާލުކުރެއްވުން ހިމެނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮފީގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން މަސައްކަތްކުރާނެ އެހެން ތަނެއް، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް، އެހެން ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ނިންޖެހެއެވެ.

މިޤާނޫނުގެ ދަށުން ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ ޢަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުޞޫ ލަކުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ.