ކުޅިވަރު

ޑެންމާކް ބަލިކޮށް ސްޕެއިން ކުއާޓާއަށް


ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް ބީގައި ޑެންމާކް ބަލިކޮށް ކުއާޓާ ފައިނަލުން ސްޕެއިން ޖާގައެއް ހޯދައިފިއެވެ.

މި މެޗު ސްޕެއިނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިނުންނެވެ. އެކަމަކު މި މެޗުގައި ޑެންމާކުން ވަނީ ވަރަށް ރަނގަޅަށް ޑިފެންސްކޮށް، ބައިކޮޅަށް ލަނޑެއް ވަނަނުދީ ފުރުސަތަކަށް އިންތިޒާރުކޮށްފައެވެ.

މުޅި މެޗު ސްޕެއިނުން ކޮންޓްރޯލް ކުރި ނަމަވެސް، މި މެޗުގައި ލަނޑެއް ނުފެނި އެއްވަރުވެގެން ނިމިދާނެ ކަމަށް ގިނަ ބަޔަކަށް ހީވެގެން ދިޔައެވެ. އެކަމަކު އެންމެ ފަހު މިނެޓުގައި ސްޕެއިނުން ވަނީ ލަނޑެއް ޖަހައި މެޗުން މޮޅުވެފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާޓާ ކޯޑޯނާއެވެ.

މި ކާމިޔާބީއާއެކު ސްޕެއިން ކުއާޓާއަށް ދަތުރުކުރީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. އަދި އަންނަ ބުދަ ދުވަހު ކުޅޭ ކުއާޓާގެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމު އިންގްލަންޑާއެވެ.