ޚަބަރު

ޙައްޖު ކޯޕަރޭޝަނުން މިހާރު ކުރިއަށްގެންދަނީ ފަހުގެ ތައްޔާރީތައް


  • ކޮޓަރިތަކުގެ މަސައްކަތްތައް ވަނީ ނިމިފައި

  • ކްލިނިކާއި ކެއިންބުއިމުގެ އިންތިޒާމްތަކާއި މަޝާއިރުތަކުގައިވެސް ދަނީ ފަހުގެ ތައްޔާރީތައް

  • ޙައްޖުވެރިންނަށް މަރުހަބާ ކިޔުމަށް ވަނީ ތައްޔާރުވެފައި

ދިވެހިރާއްޖެއިން ޙައްޖަށް އަންނަ ހުރިހާ ޙާޖީން މިއަހަރުވެސް ތިބޭނީ މައްކާގެ އަލްބަލަދް އައްޠައްޔިބް އަޖިޔާދް ހޮޓެލްގައެވެ. މިހޮޓަލަކީ ހަމައެކަނި ދިވެހި ޙާޖީންނަށް ތައްޔާރުކުރާ ހޮޓަލެކެވެ. ހޮޓަލުގެ 12 ފަންގިފިލާގައި ޙާޖީން ތިބޭނެއެވެ. އެއީ 355 ކޮޓަރިއެވެ.

ހޮޓަލުގެ ފެސިލިޓީތައް:

* ޙައްޖު ކޯޕަރޭޝަންގެ އޮފީސް
* ޙައްޖު މިޝަންގެ އޮފީސް
* އެހީތެރިކަން ފޯރުކޮށްދޭ ޑެސްކް
* ފެންވަރު ރަނގަޅު ކްލިނިކެއް
* ކެއްކުމަށް ބަދިގެ
* ކެއިންބުއިމުގެ އިންތިޒާމްތަކަށް 3 ރެސްޓޯރެންޓް
* މިސްކިތް
* ކޮންފަރެންސް ހޯލް
* ބަގީގެ ޚިދުމަތް
* އެއްޗެހި ދޮވުމުގެ އިންތިޒާމް
* ކެފޭ

ޙައްޖު ކޯޕަރޭޝަންގެ މާކެޓިން އެންޑް ޕީއާރްގެ ހެޑް ޢަބްދުﷲ މުއާޒް ވިދާޅުވީ، ކޮންމެ ޙާޖީއަކަށް ބޭނުންވާ އިންތިޒާމްތައް ވަރަށް ފަރުވާތެރިކަމާއެކު ހަމަޖެއްސުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ކުރަމުންދާކަމަށެވެ. އެގޮތުން މިދިޔަ ރަމަޟާން އުމްރާއަށް ފަހު، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރގެ އިރުޝާދާއެކު، ހޮޓަލުގެ ވެރިފަރާތާ ގުޅިގެން މުހިންމު ބަދަލުތަކެއް ހޮޓަލަށް ގެނެސްފައިވާކަމަށެވެ.

"ގާތްގަނޑަކަށް ހޮޓަލުގެ އެންމެހާ ތައްޔާރީތައް ނިމިފައި މިވަނީ. ރަމަޟާން ޢުމްރާއަށްފަހު، އެމްޑީގެ އިރުޝާދާ އެއްގޮތަށް ހޮޓަލުގެ ވެރިފަރާތާ ގުޅިގެން، ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި. ހުރިހާ ކޮޓަރިއެއްގެ ކާޕެޓް ވަނީ ބަދަލުކޮށްފައި. ފާޚާނާގެ މުށިތައް ބަދަލުކޮށް، އެނދުތަކުގެ މަސައްކަތްވެސް ކޮށްފައިވޭ. ކޮންމެ ކޮޓަރިއަކީ އައު ކޮޓަރިއެކޭ ދެންނެވިދާނެ. ޙާޖީންނަށް ހިތްހަމަޖެހިލައިގެން ތިބެވޭނެ އިންތިޒާމްތަކަށް ކޯޕަރޭޝަނުން އެންމެ އަޙަމިއްޔަތުކަމެއް ދެނީ." މުޢާޒް ވިދާޅުވިއެވެ.

މިހާރު ކުރަމުންދަނީ، ކޮޓަރިތައް ޑިސްއިންފެކްޓްކޮށް ސާފުކޮށް އަދި ތަންމަތިއަޅާ ތައްޔާރުކުރުމުގެ މަސައްކަތެވެ. އަދި ކޮޓަރީގައިވެސް ޙާޖީންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ހުންނާނެއެވެ.

އަދި ކޮޓަރިތަކަށް ޙާޖީން ބެހިފައިވާ ގޮތްތައް އެނގޭގޮތަށް ކޮންމެ ކޮޓަރިއެއްގައި ނަންތައް ހަރުކޮށްފައިވެއެވެ.

މީގެއިތުރުން ކޮންމެ ލިފްޓެއްކައިރީވެސް ޙާޖީންނަށް މުހިންމު މަޢުލޫމާތުތައް ފެންނާނެހެން ލިޔުންތައް ވަނީ ހަރުކޮށްފައެވެ.

ކްލިނިކްގައި ވަސީލަތްތައް ހަމަކޮށް ކަނޑައެޅިފަވާ މިންގަނޑާ އެއްގޮތަށް ސެޓަޕްތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކެއްކުމާ ގުޅޭ އިންތިޒާމްތައްވެސް ދަނީ ފުރިހަމަކުރަމުންނެވެ. ބަގީތައްވެސް ވަނީ އިތުރުކޮށްފައެވެ.

އަދި ޙާޖީންގެ ރައްކާތެރިކަމާއި އެންމެ ބޮޑަށް ގުޅިފައިވާ މަސައްކަތް، ނުސުކް ކާޑުތައް ލޭބަލްކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާފައެވެ. މިއީ ކޮންމެ ޙާޖީއަކު ހުރިހާ ވަގުތުތަކުގައި ކަރުގައި އަޅުވައިގެން އުޅެންޖެހޭ ކާޑެކެވެ.

މީގެއިތުރުން ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާގެ އަލީގައި، މައްކާގެ މުޠައްވިފް ރަވާފް މިނާއާއި ގުޅިގެން މިނާއާއި އަރަފާތުގެ އިންތިޒާމްތަކުގައިވެސް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އަރަފާތު ބިމަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މުހިންމު މަޝާޢިރެވެ. ޙައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހު އެންމެހާ ޙާޖީން މަޑުކުރާނީ އަރަފާތު ބިމުގައި، ޙާޖީން މަޑުކުރުމަށް ހަދާފައިވާ ޓެންޓު ސަރަޙައްދުގައެވެ.

ޙައްޖުގެ ކަންކަމަށް ދިވެހިރާއްޖެއިން ވަމުންގެންދާ ތައްޔާރީތަކުގައި، މިނާއެކޭ އެއްގޮތަށް އަރާފާތުގައި ދިވެހިން މަޑުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ އިންތިޒާމްތަކުގައިވެސް މިހާރު ކުރިއަށްގެންދަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ.