އަރުތަ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މި ފުރުސަތު ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމަކީ ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ފަންނީ ތަމްރީނާއި ތަޖުރިބާ ހޯދައިދީ، ކުޅިވަރުގެ ދާއިރާއިން ހުނަރުވެރި މޮޅު އެތުލީޓުންތަކެއް އުފެއްދުމަށްޓަކައި ސަރުކާރުގެ ޚަރަދުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މިކަމަށް ހުޅުވާލާ ކުޅިވަރު ވުޒާރާއިން މިހާރު ގެޒެޓްކޮށްފައިވާއިރު، 2027 ވަނަ އަހަރުގެ އަރުތަ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ އެތުލީޓުންނަށް އެފުރުސަތު މިމަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށްވަނީ ހުޅުވާލާފައެވެ.
އަތުރަ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ އެތުލީޓުން، އަރުތަ ޕްރޮގްރާމުގެ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއިއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ކުޅިވަރު ވުޒާރާއަށް ހުށަހަޅަމުން ގެންދިއުމަށް ވުޒާރާއިންވަނީ އެދިފައެވެ.
ކުޅިވަރު ވުޒާރާއިން ބުނެފައިވަނީ، މި ޕްރޮގްރާމަށް އެތުލީޓުން ހޮވާނީ އަރުތަ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަށް ބިނާކޮށް، މިކަމަށް ޚާއްޞަކޮށްފައިވާ ކޮމިޓީއަކުން ބައިވެރިންގެ އެޕްލިކޭޝަން ފޯމުތައް އިވެލިއޭޓް ކުރުމަށްފަހުގައިކަމަށެވެ. އަދި އަރުތަ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމާއި، އަރުތަ ޕްރޮގްރާމުގެ ޤަވާޢިދު މި މިނިސްޓްރީގެ ވެބްސައިޓް www.sports.gov.mv ގައި ޢާއްމުކޮށްފައިވާއިރު، އަރުތަ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނީ މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ ކުޅިވަރު ވުޒާރާގެ އީމެއިލް މެދުވެރިކޮށް [email protected] އަށް ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އަރުތަ ޕްރޮގްރާމު އިތުރަށް ފުރިހަމަކޮށް ހަރުދަނާކޮށް އުސޫލުއްގެ ތެރެއަށް ވެއްދުމަށް ގިނަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ.
އެގޮތުން ކުރެވުނު މަސައްކަތުގެ ދަށުން، ކުޅިވަރު ވުޒާރާއާއި، އެސޯސިއޭޝަންތަކާއި ދެމެދު ކުރެވުނު މަޝްވަރާތަކާއި ޚިޔާލު ބަދަލުކުރުންތަކަށްފަހު، އަރުތަ ޕްރޮގްރާމުގެ ތެރެއިން ސްކޮލާރޝިޕްތަކަށް ފުރުސަތު ދެވޭނީ ވަކި އުސޫލެއްގެ ދަށުންކަމަށް ކުޅިވަރު ވަޒީރުވަނީ މީގެ ކުރިން ޕީއެސްއެމް ނިއުސްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.