ޚަބަރު

ވަގަށް ޖަލަށް ވަންނަން އުޅުނު އެކަކު ޖަލަށް، އަނެކަކު ބައި ލައްކަ ރުފިޔާގެ ޖޫރިމަނާއެއް!


މާފުށީ ޖަލަށް ވަގަށް ވަންނަން މަސައްކަތްކުރި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

2019 ވަނަ އަހަރު ހިނގި މި ހާދިސާގައި މާފުށީ ޖަލަށް ދަންވަރުގެ ވަގުތެއްގައި ވަގަށް ވަންނަން މަސައްކުރީ ދެ މީހެކެވެ. އޭގެ ތެރެއިން އެކަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، އަނެއް މީހާ ވަނީ 53،600 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މިމައްސަލާގައި ޖަލަށް ވަގަށް ވަންނަން މަސައްކަތް ކުރީ ރ.މަޑުއްވަރީ، ފަހިއަލި، އިސްމާއިލް ހައްމާދު އާއި، ނ.މަނަދޫ، ކެރީބިއަން، އިބްރާހިމް ޖަޒުލާންއެވެ. މީގެ ތެރެއިން ޖަލަށްލާން ހުކުމްކުރީ ހައްމާދުއެވެ.

މިދެމީހުން ވަގަށް ޖަލަށް ވަނުމަށް މަސައްކަތް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައައި، މާފުށީ ޖަލުގެ އިރު ދެކުނު ފަރާތުންނެވެ. އެ 2 މީހުން އެސަރަހައްދަށް ވަދެފައިވަނީ ޑިންގީއެއްގައެވެ. އެސަރަހައްދަކީ އެފަދަ އުޅަނދުތައް ވަނުން މަނާ ސަރަހައްދެއްކަން އެނގޭ ގޮތަށް ބޯޑުވެސް ކަރެކްޝަނުން ވަނީ ބަހައްޓާފައެވެ. މިމީހުން ޑިންގީ އެސަރަހައްދުގެ ބޭރުގައި ބޭއްވުމަށް ޖަލަށް ވަންނަން މަސައްކަތް ކުރީ ފަތާފައި އެހިސާބަށް ގޮސްގެންނެވެ.

މިދެމީހުން ޖަލަށް ވަނުމަށްޓަކައި، ޖަލުގެ ފާރުމަތީގައި ތިއްބާ ފުލުހުންނަށް ފެނުމުން ފިލަން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެސަރަހައްދުން އެމީހުން ހައްޔަރުކޮށްފައެވެ. މިމައްސަލާގައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ކުށް ސާބިތުވާކަމަށް މައްސަލަ ބައްލަވާ ޤާޒީ ވަނީ ނިންމާފައެވެ. އަދި މިދެމީހުންގެ ތެރެއިން ޖަލު ހުކުމް އިއްޔެ ހައްމާދު ޖަލުގައި ހޭދަކުރި، މުއްދަތު އުުނިކުރުމުން ހުކުމުން ދެން ތަންފީޒު ކުރަންޖެހެނީ 4 މަހާއި 6 ދުވަހެވެ.

މައްސަލައިގައި ދެން ދައުލަތުން ދައުވާކޮށްފައިވާ ޖަޒުލާން އޭނާގެ ބަންދު ޖޫރިމަނާ އަދަބަކަށް ބަދަލުކޮށްދިނުމަށް އެދުމުން ކޯޓުން ވަނީ އޭނާގެ މައްޗަށް 53،600 ރުފިޔާގެ ޖޫރިމަނާ ހުކުމެއް އިއްވާފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.