ކުޅިވަރު

ބަޔާން ދޫކޮށް ލެވަންޑޯސްކީ ބާސާއަށް


ޖަރުމަން ލީގުގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅެމުން އައި ޕޯލަންޑުގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ ބާސެލޯނާއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

އުމުރުން 33 އަހަރުގެ ލެވަންޑޯސްކީ ވަނީ ބަޔާން ދޫކޮށްދާން ބޭނުންވާކަން މިދިޔަ މަހު ހާމަކޮށްފައެވެ.

މިދިޔަ ސީޒަނުގައި ލެވަންޑޯސްކީ ވަނީ ކުޅުނު 46 މެޗުގައި 50 ލަނޑު ބަޔާނަށް ކާމިޔާބުކޮށްދީފައެވެ. އަދި އޭނާގެ އެހީތެރިކަމާއެކު ބަޔާނުން ވަނީ ޖަރުމަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ.

ބަޔާންގެ ރައީސް ހާބާޓް ހެއިނާވެސް ވަނީ ހުރިހާ ފަރާތަކުންވެސް މިހާރު ކަން އޮތްގޮތް ހާމަކޮށްފައިވާތީ ހިތްހަމަޖެހޭކަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ލެވަންޑޯސްކީގެ ޓްރާންސްފާއާ ގުޅޭގޮތުން ބާސާ އާއި އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ހެއިނާ ވިދާޅުވީ ލެވަންޑޯސްކީ އަކީ އާދަޔާ ޚިލާފު މޮޅު ކުޅުންތެރިއެއް ކަމަށާއި، އެ ކުލަބުން އޭނާއަށް އަބަދުވެސް ޝުކުރުވެރިވާނެ ކަމަށެވެ.

ލެވަންޑޯސްކީ ބަޔާނާ ގުޅިފައިވަނީ 2014 ވަނަ އަހަރު ވާދަވެރި ބޮރޫޝިއާ ޑޯޓްމުންޑުންނެވެ. އޭނާ ވަނީ މި މުއްދަތުގެ ތެރޭގައި 374 މެޗު ބަޔާނަށް ކުޅެދީ 344 ލަނޑު ޖަހާދީފައެވެ.