ތައިލެންޑުގައި ބޭއްވި އޯލް ތައިލެންޑް މުބާރާތުން ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ހަތަރު މެޑެލް ހޯދައިފިއެވެ.
މި މުބާރާތުގެ 19 އަހަރުން ދަށުގެ ޑަބަލްސް ބައިން ދީމާ ރަން މެޑެލް ހޯދިއިރު، އޭނާ ވަނީ މި މުބާރާތުގައި އިތުރު ތިން ލޯ މެޑެލް ހޯދާފައެވެ. އެއީ 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް އާއި، 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް އަދި އެ އުމުރުފުރާގެ ޑަބަލްސް ބައިގެ ސެމީ ފައިނަލުގައި ކުޅެގެންނެވެ.
މި މުބާރާތުގައި ދީމާއާ އެއް ޕެއާއެއްގައި ހިމެނިގެން 19 އަހަރުން ދަށުގެ ރަން މެޑެލް ހޯދީ ތައިލެންޑުގެ ކުޅުންތެރިޔާ ފަންގެވެ. އެ ދެ ކުޅުންތެރިންގެ ޕެއާއިން ވަނީ މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އޯލް ތައިލެންޑް މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ބައިންވެސް ރަން މެޑެލް ހޯދާފައެވެ.
ސަރުކާރާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގުޅިގެން ހޯދައިދިން ފުރުސަތެއްގައި ތައިލެންޑުގައި މިހާރު ތަމްރީނު ހަދަމުން އަންނަ ދީމާއަށް، މި މަހު ފަހުކޮޅު އިނގިރޭސިވިލާތުގެ ބާމިންހަމުގައި ބާއްވަން ހަމަޖެހިފައިވާ ކޮމަންވެލްތު ގޭމްސްއަށް ތައްޔާރުވާން ތައިލެންޑް މުބާރާތުގެ ބޭނުން ހިފޭނެއެވެ.
ރާއްޖޭގެ ގައުމީ އަންހެން ޓީމު ވަނީ ކޮމަންވެލްތު ގޭމްސްއަށް ކޮލިފައިވެފައެވެ. އެ ޓީމުގެ އެހެން ކުޅުންތެރިން ވަނީ ކްރޮއޭޝިއާއަށް ދަތުރުކޮށް، އެ ގައުމުގައި 10 ދުވަހުގެ ތަމްރީނު ކޭމްޕެއް ފުރިހަމަކޮށްފައެވެ.
ތައިލެންޑް މުބާރާތުގައި ދީމާ ރަނގަޅު ކާމިޔާބީތަކެއް ހޯދިއިރު، އޭނާ ވަނީ މިދިޔަ މެއި މަހު ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި މޮޅު ކުޅުމެއް ދައްކައި، ކެޑޭޓް ކެޓެގަރީން ރިހި މެޑަލް ހޯދާފައެވެ.