ޚަބަރު

ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓާއި އިންޝުއަރެންސް ހަމަޖައްސައިދޭނަން : ރައީސް


މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް ފްލެޓާއި ހެލްތު އިންޝުއަރެންސް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 132 ވަނަ އަހަރީ ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކަސްޓަމްސް މުވައްޒަފުންގެ ޒިންމާތަކަށް ބަލާއިރު، ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދުމެ ހުށަހެޅެމުންދާ ބައެއްކަމަށެވެ. އަދި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ނުރައްކާތެރި ހަތިޔާރާއި، އެކިއެކި ބާވަތްތަކުގެ ނުރައްކާތެރި ޑްރަގްސް ފަދަ ތަކެތި ރާއްޖެއަށް އެތެރެވިޔަނުދީ ހުއްޓުވުމަކީ ކަސްޓަމްސް އޮފިސަރުންގެ ޒިންމާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކަސްޓަމްސްގެ އިސް ބޭފުޅުންނާ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބައްދަލުކުރައްވާ، ޚިދުމަތްތައް ދިނުމުގަޔާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންވީ ކަންކަމާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ.

ރައީސް ވިދާޅުވީ، ކަސްޓަމްސް މުވައްޒަފުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ، ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ. އެކަން ޙައްލުކުރުމަށް އެކި ދުވަސްވަރު ތަފާތު މަސައްކަތްތައް ކޮށްފައި އެބަހުރިކަމަށާއި، ނަމަވެސް މިއަދާ ހަމައަށް އައިއިރު އެކަން އަދިވެސް އޮތީ މުވައްޒަފުންގެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން ކަސްޓަމްސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކެއްވެސް މި ހިންގަނީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް. އޭގެ ތެރެއިން އެންމެ އިސްކަންދޭ އެއް ޚިދުމަތަކީ ބޯހިޔާވަހިކަން ހޯދައިދިނުން. އެގޮތުން ސަރުކާރުން ޢިމާރާތްކުރާ ފްލެޓްތަކުން، މިހާރު އިމާރާތް ކުރަމުން މިގެންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން" ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފުންނަށްވެސް ހެލްތު އިންޝުއަރެންސް ދެވޭނެ އިންތިޒާމެއް ޤާއިމްކުރުމަކީ މުހިއްމު ކަމެއްކަމަށާއި، އެއީ 2020 ވަނަ އަހަރުން 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ކަސްޓަމްސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް ހިމެނިފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނެ މަގެއް ހޯދައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަޤީންކަންވެސް ތިޔަބޭފުޅުންނަށް އަރުވަން. ސަރުކާރުގެ އަމާޒަކީ، ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ، މަސްތުވާތަކެތީގެ މައްސަލަތަކާއި، ޓެރަރިޒަމާއި، މަނީ ލޯންޑަރިންގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދުން" ރައީސް ވިދާޅުވިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ކަސްޓަމްސްއަށް އެކި ގޮތްގޮތުން ޚިދުމަތްކުރެއްވި ބޭފުޅުންނަށް ދެއްވާ ރައީސުލްޖުމްހޫރިއްޔާގެ ކުލަ 6 ބޭފުޅަކަށް އަރުވާފައެވެ. އަދި ކޯވިޑް-19ގެ ފަހުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ، އިމްޕޯޓް އެކްސްޕޯޓުގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތައް ރަމްޒުކޮށްދޭ ޚާއްސަ ހަނދާނީ ފިލާއެއް ކަސްޓަމްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވެއެވެ.

ކަސްޓަމްސްއަށް 132 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި މި ޙަފްލާގެ ތެރެއިން ކަސްޓަމްސްއަށް މެދުނުކެނޑި 20 އަހަރު ޚިދުމަތްކޮށްދެއްވާފައިވާ 9 އޮފިސަރަކަށް ރަން ބެޖު ޙަވާލުކޮށްފައިވާއިރު، ކަސްޓަމްސްއަށް ރީތިނަން ހޯދައިދިން 6 އޮފިސަރަކަށް ހަނދާނީ ފިލާ ދީފައިވެއެވެ.

ހަމައެހެންމެ ޚިދުމަތުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކޮށްފައިވާ މުވައްޒަފުންނަށް ކަސްޓަމްސްއިން މުޅިން އަލަށް ތަޢާރަފުކުރި ކޮމިޝަނަރ ޖެނެރަލްގެ އެވޯޑް 19 އޮފިސަރަކަށް ދީފައިވެއެވެ. މި ޙަފްލާގެ ތެރެއިން ކަސްޓަމްސްއިން މަސްތުވާތަކެއްޗާއި ދެކޮޅަށް "ދޮރުވާނު - ބޯޑަރުން ރައްކާތެރިކަން" މި ނަމުގައި ކުރިއަށްގެންދާ ޚާއްސަ ކެމްޕޭން ވަނީ ލޯންޗްކޮށްފައެވެ. އަދި 2021 ވަނަ އަހަރުގެ އެނުއަލް ސްޓެޓިސްޓިކަލް ރިވިއު ފޮތްވެސް ނެރެފައިވެއެވެ.

މި ޙަފްލާގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސެރެމޯނިއަލް ޔުނިފޯމް ރަސްމީކޮށް ބޭނުންކުރަން ވަނީ ފަށާފައެވެ. މިއީ ޤައުމީ ބޮޑެތި މުނާސަބަތުތަކާއި ޚާއްސަ ޙަފްލާތަކުގައި ކަސްޓަމްސްގެ ސުޕްރިންޓެންޑެޑް ރޭންކުން މަތީގެ އޮފިސަރުން ބޭނުންކުރާ ޚާއްސަ ޔުނިފޯމެވެ.