ޚަބަރު

"އިންޖިނޭރުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން"


  • ރާއްޖެއަށް އިންޖިނިއަރިންގ ދާއިރާ ނުހަނު މުހިންމުކަން ފާހަގަކުރެއްވި

  • ލޯނު ދިނުމާއި ދިވެހިންނަށް ދާއިރާތަކުން ބައެއް ޚާއްސަކުރުމަށް ފިޔަވަޅު އަޅާނެ

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ވަޒީފާ ނުލިބުމުގެ މައްސަލައަށް ހައްލު ހޯދާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ޕޮޑްކާސްޓް، "ދަ ޕަލްސް"ގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޕޮޑްކާސްޓް ޚާއްސަކޮށްފައިވަނީ ޤައުމީ އިންޖިނޭރުންގެ ދުވަހަށެވެ.

އެ ޕްރޮގްރާމްގައި އިނގިރޭސިވިލާތުގައި އިންޖިނިއަރިންގ ދާއިރާއިން ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންނާއި ދެއްކެވި ވާހަކަފުޅުގައި، އިންޖިނިއަރިންގ ދާއިރާ ޚިޔާރުކުރާ ދިވެހިން ނިސްބަތުން މަދުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހުރިހާ ދާއިރާތަކުގައި ވެސް ދިވެހިން ތިބުމަކީ މުހިންމުކަމެއްކަމަށެވެ.

އިންޖިނިއަރިންގގެ ދާއިރާއިން ތަޢުލީމު ހާސިލުވުމަށް ޒުވާނުން ފަސްޖެހޭ ސަބަބަކީ އެ ދާއިރާގައި ވަޒީފާތައް ލިބުމުގައި ހުރި ދަތިތައްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް ބައެއް ފިޔަވަޅުތައް އަޅުއްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ދިވެހިން މަދު ދާއިރާތަކުން އުނގެނުމަށް ލޯނު ދޫކުރުމަށް އިސްކަން ދިނުމާއި، އެފަދަ ދާއިރާތަކުގައި ދިވެހިންނަށް އެކަނި ތިބެވޭ ވަޒީފާތައް ހިމެނުން ފަދަ ފިޔަވަޅުތައް އަޅުއްވާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން އެހުރިހާ ދާއިރާއެއްގައި ވެސް ދިވެހިން ޑޮމިނޭޓްކުރަން. ސިއްޙީ ދާއިރާ އާއި އިންޖިނިއަރިންގައިވެސް ދިވެހިން ތިބެން ބޭނުންވަނީ. އެގޮތަށް މަސައްކަތް މިކުރަނީ ޖެނުއިން ކޮންސަރނެއް އެބައޮތް، ޖޮބްގެ ކޮންސަރން. އޯލެވެލްގެ ސްޓްރީމް އިޚްތިޔާރުކުރާ ހިސާބުން އެކަމަށް ވިސްނަންވާނެ. ފިޒިކްސް ވަރަށް މުހިންމު. އެހެންވީމަ ސައިންސް ފީލްޑް އިޚްތިޔާރުކުރުން މުހިންމު" ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ތަފާތު އެކި ދާއިރާތަކުން ސައިންސާއި ހިސާބަށް ބިނާކޮށް ހައްލު ހޯދަންޖެހޭކަމަށާއި، އިންޖިނޭރުންނަކީ މަޝްރޫޢުތައް ހިންގުމުގައި، މުހިންމު ދައުރެއް އަދާކުރާބައެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަކީ، ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ތަޢުލީމް ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ވިދާޅުވީ ވަޒީރުކަމުގައި ހޭދަކުރެއްވި ދުވަސްވަރުގެ އިތުރުން، ރައީސެއްގެ ހައިސިއްޔަތުން ނިންމާ ނިންމުންތައް ނިންމުމުގައިވެސް އިންޖިނިއަރިންގގެ ދާއިރާއިން އުނގެނުމުގެ ފައިދާ ކުރާކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ މަޝްރޫޢޫތައް ނިންމުމާއި، މަޝްރޫޢޫތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށްގެންދިއުމަށް ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އިންޖިނިއަރިންގެ ހުނަރުގެ ބޭނުންހިފާކަމަށް ވިދާޅުވިއެވެ.

އިންޖިނިއަރިންގ ދާއިރާ ކުރިއެރުވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯޓްރީއެއް ޤާއިމުކުރުން ހިމެނެއެވެ. މި ލެބޯޓްރީއަކީ، އިންޖިނިއަރިންގގެ ދާއިރާތަކުން އެކި ކަހަލަ ތަޙްލީލުތައް ކުރުމަށް ބޭނުންވާ، ރާއްޖޭގެ ހުރިހާ ދަރިވަރުންނާ، ރާއްޖެއިން ބޭރުންވެސް، މިފަދަ ތަޙްލީލުތައް ކުރަން ބޭނުންވާ ފަރާތްތަކަށް، އެފަދަ ތަޙްލީލުތައް ކުރެވޭނެ ފެންވަރުގެ ލެބޯޓްރީއަކަށް، ހެދުމަށް ވަނީ ހަމަޖެހިފައެވެ.