ޚަބަރު

ދިއްފުށި މާރާމާރީ : ކުޑަކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ހެކި ލިބިފައިވޭ


ދިއްފުށިން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިހާތަނަށް ބެލިބެލުމުން އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ހެކި ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިކަން ހާމަކުރެއްވީ ކ.ދިއްފުށީގައި ހިންގި ހަމަނުޖެހުންތަކެއްގައި ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހަކަށާއި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންނަށް ހާމަލާދީފައިވާ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައެވެ.

މިބަޔާނުގައި ފުލުހުން ވިދާޅުވީ ދިއްފުށީގައި އުމުރުން 14 އަހަރުގެ އަންހެނުން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކަށް ހަމަލާދީ މާރާމާރި ހިންގަން މަސައްކަތް ކުރާކަމަށް މިމަހުގެ 14 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކުރިކަމަށެވެ.

މި ރިޕޯޓް ލިބުމާއި ގުޅިގެން އެރަށަށް ފުލުހުން ގޮސް އެއްވެތިބި މީހުންނާ ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރުމަށް މަސައްކަތްކޮށްފައިވާކަމަށާއި ނަމަވެސް ދިއްފުށި ސިއްޙީ މަރުކަޒު ކައިރިއަށް އެއްވެތިބި މީހުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ފުލުހުންނަށް ތަކުރާރުކޮށް ހަމަލާދީ ފުލުހުންގެ ސަފު ރޫޅާލިކަން ފުލުހުން ފާހަގަކުރެއްވިއެވެ. އަދި ދިއްފުށި ސިއްހީ މަރުކަޒު ތެރެއަށް ވަދެގަނެ އެތަނުގެ ތަކެއްޗަށް ގެއްލުންދީ ސިއްޙީ މަރުކަޒުން ކަރަންޓު ކަނޑާލައި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މީހާއަށް ހަމަލާދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައިވަނީ މާލެއިން ސްޕެޝަލް އޮޕަރޭޝަންސްގެ ފުލުހުން ގޮސްގެންކަމަށެވެ.

ހަމަނުޖެހުންތަކުގައި ފުލުހުންނާއި ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން ފާހަގަކުރައްވާ ފުލުހުން ވިދާޅުވީ ފުލުހަކަށް ހަމަލާދިންކަމަށް ތުހުމަތު ކުރެވޭ 22 އަހަރުގެ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާފައިވާކަމަށެވެ. އަދި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަޙުޤީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ހެކި ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން ތުހުމަތު ކުރެވޭ މީހާއަށް ހަމަލާދީ މާރާމާރި ހިންގި މައްސަލައާއި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާއި ދިއްފުށި ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުންދީފައިވާ މައްސަލަ ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުން އަމަލުކޮށްފައިވާ ގޮތްވެސް ޕޮލިހުންގެ ޕްރޮފެޝަަން ސްޓެންޑަރޑްސް ކޮމާންޑުން ދަނީ ތަޙްޤީގުކުރަމުންނެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު ނުވަތަ ބަޔަކު އަމިއްލައަށް ކަންތައްތަކެއް ކުރުމުގެ ބަދަލުގައި ޖިނާޢީ މައްސަލަތައް ތަޙްޤީގު ކުރުމުގެ ޤާނޫނީ ޒިންމާ އޮންނަ ދަޢުލަތުގެ އިދާރާތަކަށް އަންގައިގެން އޮންނަ އުޞޫލްތަކުގެ ތެރެއިން އެކަންކަން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.