ޚަބަރު

ސްޓެލްކޯގެ ދުންއަރާ އިންޖީނުތައް އެހެންތާކަށް ބަދަލުކުރަނީ


ސްޓެލްކޯގެ އިންޖީނުގޭގެ ދުންހޮޅިތައް އުސްކުރުމުގެ ބަދަލުގައި ދުންއަރާ އިންޖީންތައް އެހެންތަނަކަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ އިންޖީނުތަކުން އަރާ ދުމުގެ ސަބަބުން އެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އިންޖީނުގޭގެ ދުންހޮޅިތައް އުސްކުރަން،ރައްޔިތުންގެ މަޖިލީހުން އެ ކުންފުންޏަށް ވަނީ އަންގާފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ އިންޖީނުގޭގެ ދުން ހޮޅިތައް އުސްކުރެވެން ނެތްކަމަށެވެ. އަދި ދުންހޮޅިތަކުން އަރާ ދުމުގެ ސަބަބުން އެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި މަސައްކަތްތައް ކުރައްވަމުން އަންނަކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މިގޮތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕްޓްރޯލް ޝެޑްގެ ބިތްދޮށުގައި ހުރި ދުން ހޮޅިތައް އެއައްވުރެ އުސްކުރެވެން ނެތީ އެއީ ވަރަށް ކުރިން އުފައްދާފައިވާ ދުންހޮޅިތަކަކަށް ވުމާއި އޭގެ ފައުންޑޭޝަން ހުރި ގޮތުގެ ސަބަބުންކަމަށެވެ. ޝަރީފް ވިދާޅުވީ އެ ދުންހޮޅިތައް ނެގުމަށްފަހު އައު ދުންހޮޅިތައް ޖެހުމަކީ އެހާމެ ޚަރަދުބޮޑު މަސައްކަތަކަށް ވާނެކަމަށާއި އޭގެ ބަދަލުގައި ރައްޔިތުންނާ އުނދަގޫވާ ހިސާބުތަކުގައި ހުރި ޖަނަރޭޓަރުތައް އެހެން ދިމާލަކަށް ބަދަލުކޮށް ބޭނުންކުރުމަށް ޕްލޭން ކުރަމުން އަންނަކަމަށެވެ. އަދި އިންޖީންތަކުގެ އަޑު މަޑުކުރުމަށްޓަކައިވެސް މަސައްކަތްތައް ކުރައްވަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެ ޕްލާންޓްތަކަކީ ވަރަށް ކުރިން އުފައްދާފައި ހުރި ޕްލާންޓްތަކަކަށްވާއިރު އެއީ ސައުންޑް ޕްރޫޕް ތަކެއްޗެއް ނޫން. ދުން ހޮޅީތައްވެސް ހުރީ އިމާރާތެއްގެ 3 ވަނަ ފަންގިފިލާއަކާ އެއްހަމައެއްގައި. އެހެންކަމުން ދުމުގެ އަސަރު އެބަކުރޭ އެކަން ހައްލުކުރުމަށް ބައެއް އިންޖީންތައް ވަނީ އެ ސަރަޙައްދުން އެހެންތަންތަނަށް ބަދަލުވެސް ކޮށްފައި" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދުމުގެ އަސަރުކުރާ އިންޖީނުތައް ނުހިންގިނަމަވެސް ހުޅުމާލޭގެ ފިފްތް ޕަވަރ ޕްރޮޖެކްޓުގެ 50 މެގަވޮޓުން ލިބޭ ކަރަންޓުން މާލޭއަށް ކަރަންޓް ދިނުމަށް ދައްޗެއް ނުވާނެކަމަށެވެ.

ސްޓެލްކޯގެ އިންޖީނުތަކުން ބޭރުވާ، ދުމާއި ވަހުގެ ސަބަބުން އެސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވާ އުދަގޫތައް ހައްލުކުރުމަށްޓަކައި މަޖިލީހުން އެކުލަވާލީ ރިޕޯޓްގައި ޖުމުލަ 7 ކަމެއް ކުރަން ސްޓެލްކޯއަށް އެންގިއެވެ. މިގޮތުން ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާއެކު ދުންހޮޅިތައް އުސްކުރުމަށް ހުށަހެޅިއެވެ. އަދި އެސަރަހައްދުގައި ދިރިއުޅޭ މީހުނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމަންވެސް ވަނީ އެދިފައެވެ.

ސްޓެލްކޯގެ އިންޖީނުގެތައް ހިންގަނީ ޤަވާޢިދާ އެއްގޮތައްތޯ ބަލަން ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއަށް އެންގުމާއި ވައިގެ ކޮލިޓީއާއި ވައިބްރޭޝަން އަސަރު ދަނެގަނެވޭނެ ލެބޯޓަރީ ސާމާނު ހޯދައި މުވައްޒަފުން ތަމްރީނު ކުރުމަށްވެސް އެ ރިޕޯޓުގައި ވެއެވެ. މީގެ އިތުރަށް ސްޓެލްކޯގެ ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމާއި އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުންފަދަ ކަންކަން އެ ރިޕޯޓުގައި ހިމަނާފައި ވެއެވެ.