ޚަބަރު

އޭޝިއާގެ އިޤްތިޞާދީ ދުވެލި މަޑުވާނެކަމަށް އޭޑީބީ އިން ލަފާކޮށްފި


އޭޝިއާގެ އިޤްތިޞާދީ ދުވެލި މަޑުވާނެކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީ އިން ލަފާކޮށްފިއެވެ.

އޭ.ޑީ.ބީއިން އޭޝިއާގެ އިޤްތިޞާދީ ދުވެލި މަޑުވާނެކަމަށް ލަފާކުރި މައިގަނޑު ސަބަބުތަކަކީ ޗައިނާއިން ގެންގުޅޭ ޒީރޯ ކޮރޯނާވައިރަސް އުޞޫލާއި، ތަރައްޤީވެފައިވާ ޤައުމުތަކުގެ އިންފްލޭޝަން މަތިވުމުގެ އިތުރުން ރަޝިއާ ޔުކްރެއިން ހަނގުރާމައެވެ.

އޭޝިއާގެ ތަރައްޤީވަމުން އަންނަ ޤައުމުތައްކަމަށްވާ ޗައިނާ އާއި އިންޑިއާގެ އިޤްތިޞާދީ ދުވެލި މިއަހަރު ހަލުއި ވާނީ %4.6 އަށް ކަމަށާއި، އަންނަ އަހަރު މި އަދަދު އުޅޭނީ %5.2 ގައި ކަމަށް އޭ.ޑީ.ބީ އިން އެންމެ ފަހުން ލަފާކޮށް ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައެވެ.

އޭ.ޑީ.ބީއިން އޭޕްރީލް މަހު ލަފާކޮށްފައިވާގޮތުގައި ޗައިނާގެ އިޤްޠިޞާދީ ދުވެލި ހަލުއި ވާނީ %5.2 އަށެވެ. އަދި އިންޑިއާގެ އިޤްޠިޞާދީ ދުވެލި ހަލުއި ވާނީ %5.3 އަށެވެ. ޗައިނާގެ އިޤްތިޞާދު ހަލުއިވާނެ ކަމަށް މީގެކުރިން ލަފާކޮށްފައިވާނީ %5 އަށެވެ. ނަމަވެސް ކޯވިޑުވެ ބަލިމަޑުކަމާއި ހެދި އެ ޤައުމު ފުރަބަންދު ކުރުމުގެ ސަބަބުން މި އަދަދު ވަނީ %4 އަށް ދަށްކޮށްފައެވެ.

އިންޑިއާގެ އިޤްތިޞާދު މިއަހަރު %7.2 އަށް ހަލުއިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ އޭޕްރީލް މަހު ލަފާކޮށްފައިވާ %7.5 އަށް ވުރެ ދަށް އަދަދެކެވެ. ނަމަވެސް އަންނަ އަހަރު އިންޑިއާގެ އިޤްތިޞާދީ ދުވެލި %7.8 އަށް ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ކޮށްފައިވާ އަސަރު ކުޑަވެފައި ވާނަމަވެސް ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމެއް ހޯދަން އަދި ވަގުތު ނަގާނެކަމަށް އޭ.ޑީ.ބީގެ އިސް އިޤްތިޞާދީ މާހިރު އަލްބާޓް ޕާކް ވަނީ ވިދާޅުވެފައެވެ.

ކުރިއަށްއޮތް 2 އަހަރު ދުވަހު އޭޝިއާގެ އިންފްލޭޝަން ރޭޓުވެސް މަތިވެގެން ދާނެކަމަށް އޭ.ޑީ.ބީ އިން ވަނީ ލަފާކޮށްފައެވެ. މިއަހަރު އޭޝިއާގެ އިންފްލޭޝަން %4.2 އަށް މަތިވާނެކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރު މި އަދަދު %3.5 އަށް މަތިވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މިދިޔަ އަހަރު ލަފާކޮށްފައިވާގޮތުގައި މިއަހަރުގެ އިންފްލޭޝަން ރޭޓު %3.7 އަށް އަރާނެއެވެ. އަދި އަންނަ އަހަރުގެ އިންފްލޭޝަން ރޭޓު %3.1 އަށް މަތިވާނެއެވެ.

މުޅި ދުނިޔޭގެ އިޤްތިޞާދީ ދުވެލި މިއަހަރު %3.6 އަށް ހަލުއިވާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފް އިން މި މަހުގެ ކުރީކޮޅު ވަނީ ލަފާކޮށްފައެވެ. އައި.އެމް.އެފް އިން މީގެކުރިން ލަފާކޮށްފައިވާގޮތުގައި ދުނިޔޭގެ އިޤްތިޞާދީ ދުވެލި ހަލުއިވާނީ %4.4 އަށެވެ.