ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު އަރި ޒޯނުގެ ކުޅުން ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުގައި ފަށައިފިއެވެ.
މި ޒޯނުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ބައްދަލުކުރީ ކޮންރެޑް މޯލްޑިވްސް އާއި ޑަބްލިއު މޯލްޑިވްސްއެވެ. މި މެޗު ކޮންރެޑުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކޮންރެޑްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސިފާހެވެ. ދެން އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކުރީ އަޒީމެވެ.
މުބާރާތުގެ ފުރަތަމަ ދުވަހު ދެ މެޗު ކުޅުމަށް ތާވަލުކުރި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ދެވަނަ މެޗު ވަނީ ފަސްކޮށްފައެވެ. ބުރާސްފަތި ދުވަހުގެ ދެވަނަ މެޗުގައި ބައްދަލުކުރަން އޮތީ ލިލީ ބީޗް ރިސޯޓާއި ވިލަމެންދޫއެވެ.
ރިސޯޓު ލީގުގެ ތާރީޚުގައި ކޮންރެޑް މޯލްޑިވްސް އަކީ އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން އެ ޓީމުން ވަނީ ހަތަރު ފަހަރު މި ޒޯނުގެ ތަށި އުފުލާލާފައެވެ. އެއީ 2015، 2016، 2017 އަދި އެންމެފަހުން މި މުބާރާތް ބޭއްވި 2019 ވަނަ އަހަރެވެ.
އެންމެ ފުރަތަމަ ދެ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސަން އައިލޭންޑް ރިސޯޓެވެ. އެއީ 2013 އަދި 2014 ގައެވެ. އަދި 2018 ގައި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވިލަމެންދޫއެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި މުބާރާތް ކޮންރެޑްގައި ކުރިޔަށްދަނީ ހަތަރު ޓީމަކާއެކު އެވެ. އެއީ ކޮންރެޑް މޯލްޑިވްސް އާއި، ވިލަމެންދޫގެ އިތުރުން ޑަބްލިއު މޯލްޑިވްސް އާއި ލިލީ ބީޗު ރިސޯޓެވެ. މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގައެވެ.