އެފްރިކާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ސެނެގާލުގެ ފޯވާޑް ސަޑިއޯ މާނޭއަށް ލިބިއްޖެއެވެ.
މިއީ އޭނާ މިއެވޯޑް ޖެހިޖެހިގެން ހާސިލްކުރި ދެވަނަ ފަހަރެވެ.
ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް އެވޯޑްސް މިފަހަރު ބާއްވާފައިވަނީ މޮރޮކޯގެ ވެރިރަށް ރަބާތުގައެވެ. އަދި މިފަހަރުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިމިވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން މިހަފްލާ ނުބާއްވާތާ ތިން އަހަރު ފަހުންނެވެ.
މާނޭ ވަނީ ސެނެގާލް އިން އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލިއިރު އެޓީމް ފައިނަލްގައި މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދީފައެވެ. މާނޭ ބުނީ އޭނާއަށް މި އެވޯޑް މިފަހަރު ލިބުމުން ވަރަށް އުފާވާކަމަށެވެ. އުމުރުން 30 އަހަރުގެ މާނޭއަށް މިފަހަރު މިއެވޯޑް ލިބިފައިވަނީ ސެނެގާލްގެ ކީޕަރ އެޑުއާޑް މެންޑީ އާއި ކުރިން ލިވަޕޫލްގައި އެއްކޮށް ކުޅުނު މިސްރުގެ މުހަންމަދު ސަލާހް އާއި ވާދަކޮށެވެ. މާނޭވަނީ ސެނެގާލްގެ ރައްޔިތުންނަށް ޝުކުރު އަދާކޮށް އޭނާއަށް ލިބުނު އެވޯޑް އެޤައުމުގެ ޒުވާނުންނަށް ޑެޑިކޭޓް ކޮށްފައެވެ.
މާނޭ ވަނީ ސެނެގާލް މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި މުހިންމު ދައުރެއްއަދާކުރުމުގެ އިތުރުން ލިވަޕުލާއެކު ދެ ތަށިވެސް ކާމިޔާބުކޮށްފައެވެ. މާނޭގެ އިތުރުން މިހަފްލާ ވެގެންދިޔައީ ސެނެގާލްއަށްވެސް ވަރަށް ހާއްސަ ހަފްލާއަކަށެވެ. އެއީ މިހަފްލާގައި ހޮވާ ހަތް އެވޯޑްގެ ތެރެއިން ފަސް އެވޯޑް ލިބިގެންދިޔައީ ސެނެގާލަށެވެ. މިގޮތުން އަހަރުގެ އެންމެ މޮޅު ކޯޗްގެ މަގާމް ލިބިގެންދިޔައީ ސެނެގާލްގެ އަލިއު ސީސޭއަށެވެ. އަހަރުގެ ޒުވާން ކުޅުންތެރިޔާގެ އިނާމް ސެނެގާލްގެ ޕާޕޭ ސާރ އަށް ލިބިގެންދިޔައިރު އަހަރުގެ އަހަރުގެ އެންމެ މޮޅު ޓީމަކަށް ހޮވުނީ ސެނެގާލްއެވެ. އަދި އެންމެ މޮޅު ގޯލަކަށް ހޮވުނީ ޓެންޒޭނިއާ ޓީމެއް ކަމަށްވާ ސިމްބާއަށް ސެނެގާލްގެ ކުޅުންތެރިއެއް ކަމަށްވާ ޕާޕޭ އުސްމާން ސާކޯ ޖަހާދިން އޯވަރ ހެޑް ގޯލެވެ.