މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަސްތައް އެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ރަށްތަކަށް ފޮނުވަން ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ވަނީ މާލޭގެ އިތުރަށް 3 އަތޮޅެއްގައި މިނީ ބަހުގެ ޚިދުމަތް ފަށަން ނިންމާފައެވެ. އެއީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައެވެ. މި މަސައްކަތް ފެށުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ވަނީ ގެނެސްފައެވެ.
އެމްޓީސީސީން ވިދާޅުވީ މި ބަސްތަކުގެ ތެރެއިން އަތޮޅުތެރޭގައި މި ޚިދުމަތް ފެށުމަށް ބޭނުންވާ 24 ބަސް އެ ސަރަހައްދުތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެމްޓީސީސީން މަސައްކަތްކުރަމުންދަނީ މި މަސް ތެރޭގައި އެ ތިން ސަރަހައްދުގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށެވެ.
އައްޑޫ (ފޭދޫ-ހިތަދޫ) - 8 މިނީ ބަސް / 4 ރޫޓް
އައްޑޫ (ހުޅުމީދޫ) - 4 މިނީ ބަސް / 4 ރޫޓް
ފުވައްމުލައް ސިޓީ - 5 މިނީ ބަސް / 3 ރޫޓް
ލާމު މެއިން ލޭންޑް ( ގަން-ފޮނަދޫ) - 5 މިނީ ބަސް / 4 ރޫޓް
ލާމު (އިސްދޫ-ކަލައިދޫ) - 2 މިނީ ބަސް / 1 ރޫޓް
Our #RTLBuses are on route to its next destinations. 24 buses are headed to the atolls and will be distributed between Addu, Fuvahmulah & Laamu atoll. #ConnectingRaajje #RayyithungeKunfuni pic.twitter.com/IVz7r8XG8a
— MTCC Plc (@MTCCPlc) July 24, 2022
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ޚިދުމަތް ފެށުމަށް ރަށްރަށުން ހަމަޖައްސަންޖެހޭ ކަންކަން މިހާރު ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ބަސް ދަތުރުކުރާނެ ރޫޓްތައް ކަނޑައެޅުމާއި، ބަސް ހުއްޓާނެ ތަންތަން ކަނޑައެޅުމާއި އަދި ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ތަމްރީން ދިނުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ.
އަލަށް ގެނައި މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. އަދި މިއީ ޑީސެލް ބަސްތަކެކެވެ. މި ބަސްތައް ފަރުމާކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. އެގޮތުން ފުރޮޅުލީ ގޮނޑީގައި ފަސޭހައިން ބަހަށް އެރޭނެ ނިޒާމުވެސް ހުންނާނެކަމަށް އާޒިމް ވިދާޅުވިއެވެ.
މި ޚިދުމަތަކީ މުޅި ރާއްޖޭގެ ދަތުރުފަތުރު ގުޅާލުމަށް ސަރުކާރުން ފަށާފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގައި ހިމަނައިގެން އަތޮޅުތަކުގައި މުޅިން އަލަށް ފަށާ ޚިދުމަތެކެވެ. މިނީ ބަހުގެ ޚިދުމަތާއެކު އަގު ހެޔޮކޮށް، ހިތްފަސޭހަ އަވަސް ދަތުރުތަކެއް ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ.