ޚަބަރު

ކުނި އުކާލަން ރަޖިސްޓްރީކުރަން ފަސޭހަގޮތެއް


ކުނި އުކާލުމުގެ ހިދުމަތަށް ފަސޭހައިން ރަޖިސްޓްރީވެވޭ ގޮތަށް "ޑޯ ސްޓެޕް ޕްލަސް"ގެ ނަމުގައި އައު ޚިދުމަތެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ތަޢާރަފްކޮށްފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކުނި އުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ކުރަން އުނދަގޫވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތަކަށް ވެމްކޯގެ ޚިދުމަތާ ގުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން "ޑޯ ސްޓެޕް ޕްލަސް" ހިދުމަތް ތަޢާރަފްކޮށްފައިވާކަމަށެވެ. އަދި އެ ޚިދުމަތަށް ވެމްކޯގެ ވެބްސައިޓުން އެދެވޭނެކަމަށްވެސް ވެމްކޯއިން ވިދާޅުވެއެވެ. ނަމަވެސް މި ހިދުމަތް ދޭނީ ޑިޕޮސިޓެއް ދެއްކުމަށް ފަހުގައިކަމަށް ވެމްކޯއިން ބުނެއެވެ. މިގޮތުން މި ޚިދުމަތުގައި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރީކުރަން ބޭނުންވާ މީހާގެ އައިޑީކާޑު ނުވަތަ ޕާސްޕޯޓްއާއި ރަޖިސްޓްރީކުރަން ތިން މަސް ދުވަހުގެ ކުނި އުކާލުމުގެ ހިދުމަތުގެ ފީ (ނޮން ރިފަންޑަބަލް ފީއެއް) ދައްކަން ޖެހެއެވެ. އަދި އިދާރީ ފީއެއްގެ ގޮތުގައި 50 ރުފިޔާ ދައްކަން ޖެހޭނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ވެމްކޯއިން މި ޚިދުމަތް ދިނުމަށް ނިންމާފައިވަނީ އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އަންނަ ކުނި އުކާލުމުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިދިޔަ އަހަރު އެކުލަވާލި އުޞޫލުގެ ސަބަބުން ހިދުމަތަށް ރަޖިސްޓްރީކުރަން ބައެއް ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވެ ޝަކުވާ ލިބޭތީއެވެ. އެގޮތުން ރަޖިސްޓްރީކުރުމަށް އިމާރާތުގެ ވެރި ފަރާތުން އެއްބާރުލުން ނުދިނުމާއި ނުވަތަ އެފަރާތްތަކުން ރަށުން ބޭރުގައި ދިރިއުޅުމުގެ ސަބަބުން ވެމްކޯގައި ރަޖިސްޓްރީނުކުރެވި ގިނަ އަދަދެއްގެ ގޭބީސީ ހުރިކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

މިދިޔަ އަހަރު ވެމްކޯއިން އެކުލަވާލި އުޞޫލްގައިވާގޮތުން ކުނި އުކުމުގެ ޚިދުމަތް ދެނީ އެހެނިހެން ޔުޓިލިޓީ ހިދުމަތްތަކޭ އެއްގޮތަށް، ކުނި އުކާލުމުގެ ހިދުމަތަކީވެސް އިމާރާތެއްގެ ވެރިފަރާތުގެ ނަމުގައި ރަޖިސްޓްރީކުރެވޭ ހިދުމަތަކަށް ހެދުމުންނެވެ.

ވެމްކޯއިން ވިދާޅުވީ އިމާރާތުގެ ވެރިފަރާތުން ކުނި އުކާލުމުގެ ހިދުމަތް އަމިއްލަ ނަމަށް ބަދަލުކުރުމަށް އެދިއްޖެ ނަމަ، އެ އިމާރާތުގައި ދިރިއުޅޭ އަމިއްލަ ފަރުދުންގެ އެކައުންޓްތައް ކެންސަލްކުރެވޭނެ ކަމަށެވެ.