ޚަބަރު

ގެދޮރުވެރިން ޕޯޓަލަށް ފޯމު ހުށަހެޅުމަށް ސިޓީ ކައުންސިލާއި އެމްޑީޕީންވެސް އެހީތެރިވަނީ


ގެދޮރުވެރިން ޕޯޓަލަށް ފޯމު ހުށަހެޅުމުގައި ރައްޔިތުންނަށް އެހީވުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް މާލޭ ސިޓީ ކައުންސިލާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީންވެސް ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ޕްރޮގްރާމް ދަށުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ފޯމުލުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ފުރުމުގައި އެހީތެރިވެދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެގޮތުން ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާއި ބެހޭ ބައި (ތައިސޭކޮށި) އަދި ކައުންސިލްގެ މާފަންނު އޮފީހުގައި އަންނަމަހުގެ 1 އިން ފެށިގެން މޭޒުތައް ބެހެއްޓިފައި ހުންނާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

01 އޮގަސްޓް 2022 އިން ފެށިގެން 26 ސެޕްޓެމްބަރު 2022 އަށް ފޯމުތައް ބަލައިގަތުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމާއި ހަމައަށް މި ދެ ތަނުގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން ފެށިގެން މެންދުރު 14:00 އާ ދެމެދު އަދި ރޭގަނޑު 20:00 ފެށިގެން 22:00 އާ ހަމައަށް ފޯމް ފުރުމާއި ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މީގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ، އެމް.ޑީ.ޕީންވެސް ވަނީ މިކަމުގައި އާއްމުންނަށް އެހީތެރިވުމަށް ނިންމާފައެވެ. އެމް.ޑީ.ޕީގެ އެންމެ އިސް އެއް ސިޔާސަތު ކަމުގައިވާ ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޛު ކުރުމުގެގޮތުން، ސަރުކާރުން މާލޭ ސަރަހައްދަށް ޚާއްސަ ކުރެވޭ ގޯތި އަދި ފްލެޓްތަކަށް ފޯމް ހުށަހެޅުމަށް އެހީތެރިވެދިނުމަށް އާއްމު ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއެއްގެ 20:00 އިން 22:30 އަށް މާލޭ ޗާނދަނީ މަގުގައި ހުންނަ އެމް.ޑީ.ޕީ ދަނޑިކޮށި ޖަގަހައިގައެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 7219897 އާއި ގުޅުމަށްވެސް އެ ޕާޓީން އެދިފައިވެއެވެ.

މާލޭ ރަށްވެހިންގެ ތެރެއިން ވީހާވެސް ގިނަބަޔަކަށް ބޯހިޔާވަހިކަމުގެ މިޕްރޮގްރާމްގެ ނަފާ ލިބި މާލޭ ސަރަހައްދުން އަމިއްލަ ގޯއްޗާއި ފްލެޓް ލިބިގެން ދިއުމަކީ އެމް.ޑީ.ޕީގެ އަމާޒެއްކަމަށް އެޕާޓީން ބުނެއެވެ.