ދުނިޔޭގެ ވިޔަފާރި

އިލެކްޓްރިކް ކާރު ގަންނަން ދޭ ސަބްސިޑީ ޖަރުމަނުވިލާތުން ކަނޑާލަނީ


އިލެކްޓްރިކް ކާރު ގަންނަން ސަރުކާރުން ދޭ ސަބްސިޑީ ނުވަތަ ޕްރިމިއަމް މަދުކުރަން ޖަރުމަނުވިލާތުން ނިންމައިފިއެވެ.

އިލެކްޓްރިކް ކާރު ގަންނަން ސަރުކާރުން ދޭ ޕްރިމިއަމްގެ ހޭދަޔަށް 2.5 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވުމުން މިހާރު ދީފައިވާ ޕްރިމިއަމްތައް ކެންސަލްވާނެކަމަށްވެސް ޖަރުމަނުވިލާތުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އީ ވެހިކަލްތައް މިހާރު ވަރަށް ބޮޑަށް މަޤުބޫލުވަމުންދާތީ ސަރުކާރުންދޭ ސަބްސިޑީޒްއެއް މިހާރު ބޭނުން ނުވާނެކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ޖަރުމަނުވިލާތުގެ އިޤްޠިޞާދާއިބެހޭ ވަޒީރު ރޮބާޓް ހަބެކް ވަނީ ވިދާޅުވެފައެވެ.

މި ޕްލޭންގެ ދަށުން 40000 ޔޫރޯއަށްވުރެ ދަށް އަގުގައި ހުންނަ ކާރުތަކުގެ ޕްރިމިއަމް 4500 އަށް އަންނަ އަހަރު ކުރީކޮޅު ވެއްޓޭނެއެވެ. މި ކާރުތަކުގެ މިހާރުގެ ޕްރިމިއަމް އަކީ 6000 ޔޫރޯއެވެ. އަދި 2024 ވަނަ އަހަރު މި ކާރުތަކުގެ ޕްރިމިއަމް 3000 ޔޫރޯއަށް ވެއްޓޭނެކަމަށްވެސް ޖަރުމަނުވިލާތުގެ ސަރުކާރުން ބުނެއެވެ.

40000 ޔޫރޯއަށްވުރެ މަތީގެ އަގުތަކުގެ ކާރުތަކުގެ ޕްރިމިއަމް އަންނަ އަހަރު ފެށޭއިރު 3000 އަށް ވެއްޓޭނެއެވެ. މިކާރުތަކުގެ މިހާރުގެ ޕްރިމިއަމަކީ 5000 ޔޫރޯއެވެ.

65000 ޔޫރޯއަށްވުރެ މަތީ އަގުތަކުގެ ކާރުތަކަށް އެއްވެސް ވަރަކަށް ޕްރިމިއަމް ނުދޭން ވަނީ ނިންމާފައެވެ. އަދި 45000 އަށްވުރެ މަތީ އަގުތަކުގެ ކާރުތަކަށް 2024 ވަނަ އަހަރުން ފެށިގެން މި އުސޫލުން ޕްރިމިއަމް ނުދޭން ނިންމާފައިވާކަމަށްވެސް ސަރުކާރުން ބުނެއެވެ.

މި ސްކީމަށް ފައިސާ ހޯދުމަށް ކްލައިމެޓް އެކްޝަން ބަޖެޓްގެ ޑްރާފްޓެއް ފާސްކުރަން ޖަރުމަނުވިލާތުގެ ކެބިނެޓުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިކަމާއި ގުޅިގެން ޖަރުމަނުވިލާތުގެ އިޤްޠިޞާދާއިބެހޭ ވުޒާރާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.