ޖަރުމަނުވިލާތަށާއި ޔޫރަޕްގެ ޤައުމުތަކަށް ރަޝިއާއިން ގޭސް ފޯރުކޮށްދިނުން މަދުކުރުމުގެ ސަބަބުން ގޭހުގެ އަގު އުފުލިއްޖެއެވެ.
ޔޫރަޕްގެ ހޯލްސޭލް ގޭހުގެ އަގު މެގަވޮޓް ގަޑިއިރަކަށް 204.85 ޔޫރޯ އުފުލިފައިވާއިރު، މިއީ ރެކޯޑް ކުރެވިފައިވާ ތިންވަނައަށް އެންމެ މަތީ އަގު ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިދިޔަ އަހަރު މިދުވަސްވަރު ޔޫރަޕްގައި ހޯލްސޭލް ގޭހުގެ އަގު ހުރީ މެގަވޮޓް ގަޑިއިރަކަށް 37 ޔޫރޯ އަށްވުރެ ކުޑަކޮށް މަތީގައެވެ.
އިނގިރޭސިވިލާތުގެ ގޭހުގެ އަގު %7 އަށް އުފުލިފައިވާއިރު މިއީ މީގެ އަހަރެއްހާ ދުވަސް ކުރިއަށްވުރެ ހަ ގުނަ އިތުރު އަދަދެކެވެ. ރަޝިއާއިން މަދުކޮށްފައިވަނީ ނޯޑް ސްޓްރީމް 1 ހޮޅި މެދުވެރިކޮށް ރަޝިއާއިން ޖަރުމަނުވިލާތަށް ފޯރުކޮށްދޭ ގޭހެވެ. ޖޫން މަސް ނިމުނުއިރު އެކަން ރަޝިއާއިން އެ ޤައުމަށް ފޯރުކޮށްދޭ ގޭޙުގެ މިންވަރު ވަނީ ކުއާޓަރަކަށް ވުރެ މަދުވެފައެވެ.
ޔޫކްރޭން ހަނގުރާމައިގެ ކުރިން ރަޝިޔާއިން ޖަރުމަނަށް އެގައުމަށް ބޭނުންވާ ގޭހުގެ ދެބައިކުޅަ އެއްބައި އަށްވުރެ ގިނައިން ގޭސް އެތެރެކުރިއިރު، އޭގެ ބޮޑު ބައެއް އައީ ނޯޑް ސްޓްރީމް 1 މެދުވެރިކޮށެވެ. މިކަމާއި ގުޅިގެން ޖަރުމަނުވިލާތުގެ ސަރުކާރުން ވަނީ ގޭސް ފޯރުކޮށްދިނުން މަދުކުރަންޖެހޭ ޖެހޭ ޓެކްނިކަލް ސަބަބެއް ނެތް ކަމަށް ބުނެފައެވެ. ޕޮލެންޑުން ވަނީ މި އަހަރު ނިމޭއިރު ރަޝިޔާއިން އުފައްދާ ގޭސް އެއްވެސް ވަރަކަށް އެ ޤައުމަށް އެތެރެ ނުކުރާނެކަމަށް ބުނެފައެވެ.
ރަޝިއާއިން ގޭސް ފޯރުކޮށްދިނުމަށް މަދުކުރިނަމަވެސް އިނގިރޭސިވިލާތަށް މިކަމުގެ ސީދާ އަސަރެއް ނުކުރާނެއެވެ. ސަބަބަކީ އިނގިރޭސިވިލާތުން އެތެރެކުރަނީ ރަޝިއާގެ އެންމެ %5 ގޭސްކަމަށްވާތީއެވެ. ނަމަވެސް ޔޫރަޕްގައި ޑިމާންޑް ބޮޑުވުމުން ދުނިޔޭގެ ބާޒާރުތަކުގައި އަގުތައް މައްޗަށް ދިއުމުން އޭގެ އަސަރު އިނގިރޭސިވިލާތަށްވެސް ކުރާނެއެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން ޔޫރަޕްގެ ލީޑަރުން ވަނީ ރަޝިޔާގެ ހަކަތައަށް ބަރޯސާވުން ކުޑަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. މިގޮތުން ރަޝިޔާއިން ގޭސް ފޯރުކޮށްދިނުން ހުއްޓާލައިފިނަމަ ގޭސް ބޭނުންކުރުން މަދުކުރުމަށް ޔޫރަޕް އިއްތިހާދުން މިހާރު ވަނީ ނިންމާފައެވެ.