ކުޅިވަރު

ބީޖީ ބަލިކޮށް ނިއު ރޭޑިއަންޓް އެއްވަނައަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބީޖީ ސްޕޯޓްސް ކުލަބު ބަލިކޮށް، ގްރޫޕް ދޭއްގެ އެއްވަނައަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަލުން ޖެހިލައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ނިއު ރޭޑިއަންޓުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ ފަށައިގެން ދެވަނައިގައި މިނެޓުގައި އާދަމް ޝަހީމް (އާނާ) ނަގައިދިން ހުރަހަކުން އެ ޓީމުގެ ކޯފީ އޮވޫސޫ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބީޖީގެ ގޯލްކީޕަރު އަބްދުލް މަޖީދު ވިޝާން ވަނީ މަތަކޮށްފައެވެ. އަދި އޭގެ ހަ މިނެޓުގައި އާނާ ނަގައިދިން ކޯނަރެއްގައި ކޯފީ ބޮލުން ފޮނުވާލި އިތުރު ހަމަލާއެއް، ގޯލު ރޮނގުމަތިން ސަލާމަތްކޮށްފައިވަނީ ބީޖީގެ ޑިފެންޑަރެކެވެ.

މި މެޗުގެ 17 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓުގެ ފަރުޚް ޚައިދަރޯފް ނަގައިދިން ހުރަހަކުން އެ ޓީމުގެ ޝަމްވޒީލް މުޙައްމަދު (ބޮންޑާ) ބޮލުން ފޮނުވާލި ހަމަލާ ބީޖީގެ ގޯލްކީޕަރު މަޖީދު ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި އޭރިއާ ބޭރުން ނިއު ރޭޑިއަންޓުގެ އާނާ ފޮނުވާލި ބާރު ހަމަލާއެއް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ނިއު ރޭޑިއަންޓުން ލީޑު ނަގާފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. އާނާ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯފީއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އޭރިއާ ބޭރުން އާނާ ފޮނުވާލި ބާރު ހަމަލާއެއް ބީޖީގެ ގޯލްކީޕަރު މަޖީދު ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ނިއު ރޭޑިއަންޓުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 61 ވަނަ މިނެޓުގައި ބޯޅަ ހިފައިން އޭރިއާ ތެރެއަށް ވަދެ އެ ޓީމުގެ ކެޕްޓަން ތޯރިގު ޖެބްރިން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ނިއު ރޭޑިއަންޓުން ވަނީ ލީޑު ފުޅާކޮށްފައެވެ. ޚައިދަރޯފްގެ އެހީތެރިކަމާއެކު އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ލިޔާހެވެ.

ނިއު ރޭޑިއަންޓުން ލީޑު ފުޅާކުރިތާ މިނެޓެއް ފަހުން ބީޖީން ވަނީ ގޯލާ އަމާޒުކޮށް އެ ޓީމުގެ ފުރަތަމަ ހަމަލާ އުފައްދާފައެވެ. އެކަމަކު އޭރިއާ ތެރެއިން ބީޖީގެ މުޙައްމަދު ނާއިލް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ނިއު ރޭޑިއަންޓުގެ ގޯލްކީޕަރު މިފްދާދު އަޙްމަދެވެ. އޭގެ ފަހުން މެޗުގެ 77 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ނިއު ރޭޑިއަންޓުގެ ކޯފީ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މޮޅާއެކު ގްރޫޕް ދޭއްގެ އެއްވަނައަށް ނިއު ރޭޑިއަންޓް ޖެހިލީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެލްޓީ ސްޕޯޓްސް ކުލަބަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. އަދި ނިއު ރޭޑިއަންޓް އަތުން ބަލިވި ބީޖީ އޮތީ ގްރޫޕުގެ ފުލުން ދެވަނައިގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބިއެވެ.

ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.