ޚަބަރު

ގެއްލުނު ޑައިވަރުން ހޯދުމަށް ސިފައިންގެ ޚާއްސަ އޮޕަރޭޝަނެއް!


  • ގެއްލުނީ އިޓަލީވިލާތަށް ނިސްބަތްވާ 5 މީހުން

  • އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ ފެނިފައި

  • ޑައިވަރުން ހޯދުމަށް ހައި ރިސްކް އޮޕަރޭޝަނެއް ދަނީ ހިންގަމުން

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަނެއް ދަނީ ކުރިއަށްގެންދަމުންނެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ އިއްޔެ މެންދުރު 13:45 ހާއިރެވެ.

އެ މަޢުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށާފައެވެ. މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.

މި ޙާދިސާގައި ގެއްލުނު އިޓަލީވިލާތުގެ 5 ރައްޔިތުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އިއްޔެ އިރުއޮއްސި 18:13 ހާއިރު ވަނީ މޫދު އަޑިން ފެނިފައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށެވެ.

މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ބޭރުންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ކޭވް ހިމެނޭ ސަރަޙައްދަކީ އާންމުކޮށް ރާއްޖެ އަންނަ ފަތުރުވެރިންނާއި، ޑައިވަރުންވެސް ޑައިވްކޮށް އުޅޭ ސަރަޙައްދަށްވުރެ ފުން، އަދި ޚާއްސަ އާލާތްތަކެއް ހިފައިގެން ނޫނީ ޑައިވްކުރެވޭ ހިސާބެއްނޫނެވެ. މިއީ ޕްރޮފެޝަނަލް ޑައިވަރުންނަށް ސަލާމަތާއި ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކާ އެކުގައި ނޫނީ ނުދެވޭހާ އަޑީގައި ހިމެނޭ ސަރަޙައްދެކެވެ. ކޭވް ފެށެނީ 45 މީޓަރު އަޑިންނެވެ. އަދި ކޭވްއިން ނިކުމެވޭއިރު 60 މީޓަރު އަޑިއަށް ދެވެއެވެ.

ޑައިވަރުން ހޯދުމަށްޓަކާ އެމްއެންޑީއެފްއިން ކުރިއަށްގެންދާ ޚާއްސަ ސަރޗް އޮޕަރޭޝަންގެ ތެރެއިން ފުރަތަމަ ސަރޗް ޑައިވް މިހާރު ވަނީ ނިންމާލާފައެވެ. ފުރަތަމަ ޑައިވްގައި ކޭވް ހުޅުވޭ ހިސާބަށް ގޮސް، އެތަން ލޮކޭޓްކޮށް ބެލޫން ލާ، ވަކި ހިސާބަކަށް އަޑިއަށްގޮސް ވަނީ ބަލާފައެވެ. އަދި ދެވަނަ ޑައިވްއަކަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު މި ދުވަސްވަރަކީ ރާއްޖޭގެ މޫސުންވެސް ގޯސް ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.

މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނެއްކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކުރައްވާފައެވެ މި އޮޕަރޭޝަން ހިނގާ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ސްރީލަންކާގައި ހުންނަވާ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުވެސް މިވަގުތު ހުންނެވީ އެމްއެންޑީއެފްގެ އޮފިޝަލުންނާއެކު ޝިޕް ޣާޒީގައެވެ.

މި ޙާދިސާ ހިނގުމާއެކު ދިވެހި ސަރުކާރުން ވަނީ ޑިޕޮމެޓިކް ޕާޓްނަރުންނާ އެކަމުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި މި ސަރޗް އޮޕަރޭޝަން ކުރިއަށް ގެންދަނީ ދިވެހި ސަރުކާރާއި އިޓަލީވިލާތުގެ ސަރުކާރުންވެސް ވަރަށް ގާތުން މުއާމަލާތްކުރެވިގެންނެވެ.

އިޓަލީވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މުހިންމު ހިއްސާއެއް އަދާކުރާ ޤައުމެކެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި އިޓަލީވިލާތް ހިމެނެއެވެ.