މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ޙަޔާތުގެ ވަރަށް ޚާއްޞަ އަދި ބާއްޖަވެރި އިޙްސާސެއްކަން ފާހަގަކޮށް ދުވަހުގެ ތަޙްނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ޙަޔާތުގެ ވަރަށް ޚާއްޞަ އަދި ބާއްޖަވެރި އިޙްސާސެއް ކަމަށާއި، އެއީ ކޮންމެ ޢާއިލާއަކަށް އަގުނުކުރެވޭނެ ބޮޑު ނިޢުމަތެއް ކަމަށެވެ. މެޑަމް ސާޖިދާ ވަނީ، ފުރިހަމަ ޞިއްޙަތާއި އުފާފާގަތިކަން ދިވެހި ކޮންމެ މާމައަކާއި ކާފައަކަށް ދެއްވުމަށް އެދިފައެވެ.
މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ޙަޔާތުގެ ވަރަށް ޚާއްޞަ އަދި ބާއްޖަވެރި އިޙްސާސެއް. ކޮންމެ ޢާއިލާއަކަށް އަގުނުކުރެވޭނެ ބޮޑު ނިޢުމަތެއް. ފުރިހަމަ ޞިއްޙަތާއި އުފާފާގަތިކަން ދިވެހި ކޮންމެ މާމައަކާއި ކާފައަކަށް އެދެމުން، މި އުފާވެރި ދުވަހުގެ މަރްޙަބާއާއި ތަހުނިޔާ ދަންނަވަން. pic.twitter.com/sRFaHFvZWF
— First Lady Sajidha Mohamed (@sajidhaamohamed) September 1, 2026
މާމަ ކާފަ ދުވަސް ރާއްޖޭގައި ރަސްމީކޮށް ފާހަގަކުރަން ފެށީ، 2020ވަނަ އަހަރުން ފެށިގެންނެވެ. ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަސް މާމަ ކާފަ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، އުމުރުން ދުވަސްވީ އާބާދީއަށް އަޅުގަނޑުމެން އަދާކޮށްދެންޖެހޭ ޒިންމާގެ ހަނދާން އައު ކުރަންޖެހެއެވެ. މިއީ، ކޮންމެ މީހެއްގެ ބޮލުގައިވެސް އޮތް ޒިންމާއެކެވެ.
މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށްވަނީ އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އާއިލާއާއި މުޖުތަމަޢުގައި އިތުރުކޮށް، އެމީހުންނަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ހަނދާން އައުކޮށްދިނުމެވެ. އަދި އެއްވެސް އުނިކަމެއް ނެތި، ދަރިންނަށްޓަކައި އުފުލި ބުރައިގެ އަގުވަޒަންކޮށް، މައިންބަފައިންނަށްޓަކައި ދަރިން އަދާކުރަންޖެހޭ ޒިންމާގެ ހަނދާން އައުކޮށްދިނުމެވެ.