"ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް" ފޮތުގެ ދެވަނަ އިޞްދާރު މިއަދު ނެރެފިއެވެ.
މިއީ ޒަކާތުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ގ)ގެ ދަށުން ނެރެފައިވާ ފޮތެކެވެ. ޒަކާތު ހައުސްއިން ވިދާޅުވީ މިއީ ޝަރުޢީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޒަކާތް ނެގުމާއި ބެހުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އަދާހަމަ ކުރެވިފައިވާ އިރުޝާދުތަކެއް ހިމަނައިގެން ނެރުނު އިޞްދާރެއްކަމަށެވެ.
މި ފޮތުގެ ދެވަނަ އިޞްދާރު ރަސްމީކޮށް ނެރެދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ އަޢުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އަލަށް އަދާހަމަކުރެވުނު މި އިޞްދާރުގައި ހިމަނާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު ޢަމަލުކުރަން ފެށި ޒަކާތުގެ އައު ޤާނޫނުގެ ދަށުން އެކުލަވާލި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ލަފަޔާއި އިރުޝާދުގެ މަތީން ގެނެވިފައިވާ އިޞްލާޙުތަކެއްކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
އައު ޤާނޫނީ އޮނިގަނޑުގެ ދަށުން ޒަކާތް ނެގުމާއި ބެހުމާ ގުޅޭ ކަންކަމުގައި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީން އިރުޝާދު ދެމުން ގެންދަނީ، ޒަކާތާ ގުޅުންހުރި ސިޔާސަތުތަކާއި އުޞޫލުތައް އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. އެހެންކަމުން، މި އިޞްދާރުން ދައްކުވައިދެނީ ޒަކާތުގެ އައު ޤާނޫނާއެކު އައިސްފައިވާ ބަދަލުތަކާއި ކުރިއެރުންތައްކަމަށާއި ޒަކާތުގެ އިދާރީ ކަންކަން ހިންގުމުގައި ބޭނުންވާ ޝަރުޢީ އަދާހަމަ އުޞޫލުތަކާއި މިންގަނޑުތައް ވެސް މި ފޮތުން ފޯރުކޮށްދޭކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
މި ފޮތަކީ ޒަކާތް ނެގުމާއި، ބެލެހެއްޓުމާއި، އަދި ބެހުމުގެ މަސައްކަތުގައި ޝާމިލުވާ މުއައްސަސާތަކަށާއި ފަރުދުންނަށް ބޭނުންތެރި މުހިންމު ރެފަރެންސަކަށް ވާނެއެވެ. އަދި މީގެ ސަބަބުން ޝަރުޢީ މިންގަނޑުތަކާ އެއްގޮތަށް، ހަމަހަމަ އުޞޫލުތަކެއް ހިފެހެއްޓުމަށް ބާރުއެޅޭނެއެވެ.