ޚަބަރު

4 ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތައް އެމްޓީސީސީއަށް


  • ކިހާދޫއާއި މުރައިދޫގެ ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލުކުރި

  • ބަނޑިދޫ ބަނދަރު ފުން ކުރަންވަނީ ހަވާލުކޮށްފައި

  • ކެލާ ބަނދަރު އަޕްގްރޭޑްކުރުުގެ އިތުރުން މަސްވެރިކަމުގެ ވަސީލަތް ބިނާކުރަން ބިން ހިއްކަންވެސް ހަވާލުކުރި

ރާއްޖޭގެ 4 ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ބ. ކިހާދޫއާއި ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ދ.ބަނޑިދޫ ބަނދަރު ފުން ކުރުމާއި، ޖެޓީ ތަރައްޤީކުރުމާއި ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި މަސްވެރިކަމުގެ ވަސީލަތް ބިނާކުރަން ބިން ހިއްކުމަށެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމަނައިގެން 240 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި 380 މީޓަރުގެ ބޮޑުހިލައިގެ ބްރޭކް ވޯޓަރ ޖެހުމުގެ އިތުރުން 17،300 ސީބީއެމް ވެލިން ބެކްފިލް ކުރުންވެސް ހިމެނެއެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައެވެ.

މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރޭގައި 139 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި 56 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބަނޑިދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން 3.5 މީޓަރަށް ބަނދަރު ފުން ކުރުމާއި، 4 މީޓަރަށް ނެރު ފުންކުރުމާއި 170 މީޓަރުގެ ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ޤާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި މަސްވެރިކަމުގެ ވަސީލަތް ބިނާކުރަން ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަސައްކަތުގައި ހިމެނެނީ އެރަށު ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން 8.56 ހެކްޓަރުގެ ބިން ހިއްކުމެވެ. މީގެ އިތުރުން 266 މީޓަރުގެ އެއްގަމު ތޮއްޓެއްލުމާއި 6 މޫރިން ބޮއި ހަރުކުރުމާއި ސޭންޑްފިލްޑް ބްރޭކްވޯޓަރ ހެދުމާއި 692 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން 620 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާއިރު 2 ނެރުބައްތިއާއިި 45 މަގު ބައްތި ޖެހުމާއި ޕޭވްމަންޓް ޖެހުމާއި ކޮންކްރީޓް ޖެޓީ އަދި ބްރިޖް ހެދުމަށް ވަނީ ހަމަޖެހިފައެވެެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢުދީއެވެ.