ދައުލަތުން ހިންގާ މަޝްރޫޢުތައް އަވަސްކުރުމަށް ގެނައި އިސްލާހާއެކު ލާމަރުކަޒީ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފިއެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ، މިދިޔަ މަހުގެ 26 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި މިބިލުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި، ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިގޮތަށް ބޭނުންވާ ބިމާއި ތަންތަން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، އަމަލުކުރުމަށް ފެށުމުގެ ކުރިންވެސް ސަރުކާރަށް ނެގޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައި ކައުންސިލެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނަމަ އެކަމަކަށް ފުރިހަމަ އެއްބާރުލުން ދޭންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢަކަށް ހުރަސް އެޅޭފަދަ ގޮތަކަށް އަމަލުކުރުމާއި އެފަދަ މަޝްރޫޢުތައް ހުއްޓުމަށް މެދުވެރިވާފަދަ ނިންމުމެއް ނިންމުމަކީ ކައުންސިލުން ކޮށްގެން ވާނެކަމެއް ނޫން ކަމަށް ކަނޑައެޅުމަށްވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.
ބިލު ދިރާސާކުރުމުގެ މަރުހަލާގައި ލާމަރުކަޒީ ކޮމިޓީން ވަނީ، ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ކައުންސިލުތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގާއިރު، އެ ބިމަކަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލު ދޭންޖެހޭގޮތަށް އިސްލާހު ގެނެސްފައެވެ. އެ ބަދަލު ދޭންވާނީ ކަމާއި ގުޅުންހުރި ވުޒާރާއަކުންކަމަށްވެސް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.