ހިމަބިއްސަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަށްވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހަފުތާގެ ތެރޭގައި ހިމަބިއްސަށް ޕޮޒިޓިވްވި 9 މީހެއް މާލެ ސަރަހައްދުން ވަނީ ފެނިފައެވެ. މިއީ މިދިޔަ ދެމަސްދުވަސްތެރޭ އެންމެ މަދުން ކޭސްތައް ފެނުނު ހަފުތާއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެތެރޭ ހިމަބިއްސަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ ކޮންމެ ހަފުތާއެއްގައިވެސް 20 ވުރެ މަތީގައެވެ. އަދި އޮގަސްޓުގައި މި އަދަދު ވަނީ ދަށްވާން ފަށާފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 252 މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވެއެވެ.
ފުރަތަމަ ހަފުތާ - 13 މީހުން
ދެވަނަ ހަފުތާ - 17 މީހުން
ތިންވަނަ ހަފުތާ - 10 މީހުން
ހަތަރުވަނަ ހަފުތާ - 9 މީހުން
ފުރަތަމަ ހަފުތާ - 55 މީހުން
ދެވަނަ ހަފުތާ - 23 މީހުން
ތިންވަނަ ހަފުތާ - 22 މީހުން
ހަތަރުވަނަ ހަފުތާ - 20 މީހުން
އެހެން ކަމުން އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ހިމަބިހި ފެތުރޭ މިންވަރު މިވަނީ މިދިޔަ ޖުލައި މަހާއި އަޅާބަލާއި އޮގަސްޓު މަހުވަނީ މަދުވެފައެވެ. ނަމަވެސް މިހާރުވެސް ޕޮޒިޓިވް މީހުން ފެންނަމުން ދިއުމާއެކު މި ބައްޔަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމެވެ.
ހިމަބިހީގެ ފުރަތަމަ ކޭސް މާލެ ސަރަޙައްދުން ފެނިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމުން ބަލީގެ ފުރަތަމަ ކޭސްއާއެކުވެސް އެޗްޕީއޭއިން ޢަމަލުކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއެއްގޮތަށެވެ. އެހެންކަމުން މޮނީޓަރކުރުމާއި، ބަލި ޖެހިފައިވާ މީހުން ހޯދުމާއި، ވެކްސިން ދިނުމުގެ މަސައްކަތް ފެށިއެވެ. އަދި މިހާތަނަށް 15،552 މީހަކަށް މިވަނީ ވެކްސިން ދީފައެވެ.
ހިމަބިއްސަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެހެންކަމުން އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަށާއި، ހުމާއި ރޯގާގެ ޢަލާމަތްތައް ހުރިނަމަ އެކަހެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. މީގެއިތުރުން ހުމާއި ރޯގާގެ ޢަލާމާތްތަކާއެކު، ގައިގައި ހިމަ ރަތްކުލައިގެ ބިހިތަކެއް ނަގާނަމަ ވީހަވެސް އަވަހަށް ޞިއްޙީ ފަރުވާ ހޯދުމަކީ މުހިއްމުކަމެކެވެ. އަދި އެފަދަ ފަރާތްތަކުން ސިއްޙީ ފަރުވާ ހޯދުމަށްދާއިރު މާސްކު ބޭނުންކުރުމަށްވަނީ އިރުޝާދު ދެއްވާފައެވެ.