މަންކީޕޮކްސް ނުވަތަ މަކުނުވިދުރިއަށް ޓެސްޓްކުރާ ޕީސީއާރް ކިޓްތަކެއް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ. އެ ޖަމިއްޔާއިން ވަނީ ރާއްޖެއަށް މަކުނުވިދުރިއަށް ޓެކްސްޓްކުރުމަށް 250 ޕީސީއާރް ކިޓް ހަދިޔާކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ "މަންކީޕޮކްސް" އާއި ގުޅިގެން ބައިނަލްއަޤްވާމީ ޞިއްޙަތާބެހޭ ޤަވާއިދުތަކުގެ ދަށުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 23 ޖުލައި 2022 ގައި ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ.
މި ބަލި ރާއްޖެއަށްވެސް އައުމުގެ ފުރުޞަތު އޮތުމާއެކު ބައްޔަށް ޝައްކުކުރެވޭ ކޭސްތަކަށް އިޖާބަދީ، ކޭސް އިންވެސްޓިގޭޝަން، ކޮންޓެކްޓް ޓްރޭސިން، ޓެސްޓް އަދި ރިސްކް ކޮމިއުނިކޭޝަންސްގެ ކެޕޭސިޓީ އިތުރުކުރުމަށް ހެލްތު މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
މަކުނުވިދުރިއަށް ޓެސްޓްކުރެވޭނެ އިންތިޒާމް ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މިއަދު 250 ޓެސްޓް ކިޓް ހަދިޔާކޮށްފައިވާއިރު، އިތުރު ކިޓްތައް މޮބިލައިޒް ކުރުމުގެ މަސައްކަތްވެސް ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު ޓެސްޓިން ކިޓްތައް ރާއްޖެއަށް ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
Handover Ceremony of 250 “ Monkeypox virus generic real-time PCR test kits for Monkeypox. @WHOMaldives @HPA_MV
— Ministry of Health (@MoHmv) July 31, 2022
Maldives has been responding to suspected cases of Monkeypox and have capacity for case investigation, contact tracing, testing and risk communications. pic.twitter.com/dfhlOoeqMF
ޓެސްޓް ކިޓް ހަދިޔާކުރުމުގެ އިތުރުން، ލެބޯޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޮންކީޕޮކްސް ޕީ.ސީ.އާރް ޓްރެއިނިންގއެއް މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ތަމްރީނަކީ ވަރޗުއަލްކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނެކެވެ. މި ތަމްރީނުގައި ރާއްޖޭގެ ބޮޑެތި މައި ހޮސްޕިޓަލްތަކުގެ ލެބްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވާނެއެވެ. ތަމްރީން ނިމުމާއެކު ބައްޔަށް ޓެސްޓްކުރުމުގެ ކަންކަން ހަމަޖެހިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. ނަމަވެސް ކޯވިޑް-19 ފަދަ ބައްޔަކާ އަޅާ ބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން މި ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތުވާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި މަންކީޕޮކްސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި ބަލި ކަށަވަރު ކުރެވެންދެން ވަގުތުން އެހެން މީހުންނާއި ގައިގޯޅިވުމުން ދުރުވެ އެކަހެރިވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.
މުޖްތަމައުގައި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމުގައިވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެ.ޗް.ޕީއޭ އިން ވަނީ އެދިފައެވެ. އެގޮތުން ގިނަ ގިނައިން އަތްދޮވުމާއި މާސްކު އަޅައިގެން އުޅުމާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވަނީ އެދިފައެވެ.
މަންކީޕޮކްސް ނުވަތަ މަކުނުވިދުރީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ރިއްސުމާއި ގޮށްލުން އަދި ހަމުގައި ބިހި ނެގުން ހިމެނެއެވެ. އަދި ބިހި ގިނައިން ފެންނަނީ ކުރިމަތި ފަރާތާއި ފުރަގަސް ފަރާތް އަދި އަނގައިގެ ވަށައިގެންނެވެ. ބިހިތައް ފުރަތަމަ ނަގާއިރު ހުންނާނީ ފަތިކޮށް، އެއަށް ފަހު ފެންފޮޅަށްވެ ފޮޅު ފަޅައިގެން ގޮސް ކުރަލައެވެ.