ކޮންމެހެން ބޭނުންނުވާ ތަކެތި އެތެރެކުރުން މަނާކުރުމުން ޕާކިސްތާނަށް ޖުލައިމަހު މުދާ އިމްޕޯޓްކުރި މުދަލުގެ މިންވަރު ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ދަށްވެފައިވާކަމަށް އެ ޤައުމުގެ މާލީ ވަޒީރު މިފްތާހު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އިމްޕޯޓު މަދުވުމުގެ ސަބަބުން މިހާރުވެސް އަގު ވެއްޓިފައިވާ ޕާކިސްތާނުގެ ފައިސާ ކަމަށްވާ ރުޕީސްއަށް ކުރާ ޕްރެޝަރު ކުޑަވާނެކަމަށްވެސް މިފްތާހު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ވެރި ރަށް އިސްލާމްއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާކިސްތާނުގެ މާލީ ވަޒީރު ވިދާޅުވީ ޖުލައިމަހުގެ އިމްޕޯޓް ރެކޯޑު އަދަދަކަށް ދަށްވެ، 5 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ.
މަރުކަޒީ ބޭންކާއި ޕާކިސްތާނުގެ ސްޓެޓިސްޓިކްސް ބިއުރޯއިން ޖުލައިމަހުގެ ހިސާބު މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
ޕާކިސްތާނުގެ އިމްޕޯޓު ދަށްވެފައިވަނީ ކޮންމެހެން ބޭނުން ނުވާ ހުރިހާ އެއްޗެއް ޕާކިސްތާނަށް އެތެރެ ކުރުން މަނާކުރުމުގެ ސަބަބުން ކަމަށްމިފްތާހު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ރުޕީސް އޮތް ޕްރެޝަރުވެސް ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރުޕީސްގެ އަގު މިދިޔަ ހަފްތާ ގާތްގަނޑަކަށް %5 އަށް ވެއްޓުމަށްފަހު މިދިޔަ ހުކުރު ދުވަހު ވަނީ ކޮންމެވެސް ވަރަށް އަގު މައްޗަށް ޖެހިފައެވެ. ހުކުރު ދުވަހު ރުޕީސްގެ އަގު ހުރީ ޑޮލަރަކަށް 239.37 ރުޕީސްއެވެ.
ކޮންމެހެން ބޭނުން ނޫން މުދާ އެތެރެކުރުން މިދިޔަ ހަފްތާގައި މަނާކޮށްފައިވާއިރު އޭގެތެރޭގައި އޮޓޯމޮބައިލާއި ފޯނު ނުހިމެނެއެވެ.
އިސްމާއިލް ވިދާޅުވީ ސަރުކާރުން ކަރަންޓް އެކައުންޓް ޑެފިސިޓް ވަރަށް ބޮޑަށް ތިރިކޮށް، އަހަރެއް ނުވަތަ ދެ އަހަރެއްގެ ތެރޭގައި ސާޕްލަސް ޕޯސްޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޖޫން މަސް ނިމުނުއިރު ޕާކިސްތާނުގެ މާލީ އަހަރުގެ ޑެފިސިޓްގެ ގޮތުގައި 17.4 ބިލިއަން ޑޮލަރު ލިބިފައިވާއިރު، އޭގެ ކުރީ އަހަރު މިއަދަދު ހުރީ 2.8 ބިލިއަން އެމެރިކާ ޑޮލަރުގައެވެ.
މީގެ ކުރިން ޖުލައި މަހުގެ ކުރީކޮޅު ޕާކިސްތާނުން ވަނީ 1.17 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖަކާއިބެހޭ އެއްބަސްވުމަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއިއެކު އައިސްފައެވެ.
ދެކުނު އޭޝިއާގެ ޤައުމުތަކުން ބޭރުގެ ރިޒާވް ހަލުވިކަމާއެކު ދަށްވަމުންދާއިރު، އިތުރުވަމުންދާ ކަރަންޓު އެކައުންޓު ޑެފިސިޓަށް ހައްލެއް ހޯދުން ޤައުމުތަކުން ވަނީ ނުކުޅެދިފައެވެ. ކަރަންޓު އެކައުންޓު ޑެފިސިޓްގެ ގޮތުގައި 2.3 ބިލިއަން އެމެރިކާ ޑޮލަރު ޖޫންމަހު ވަނީ ރެކޯޑުކޮށްފައެވެ. އަދި މިކަމުގެ މައިގަނޑު ސަބަބަކީ ޤައުމުތަކަށް ތެޔޮ އެތެރެކުރާ މިންވަރު އިތުރުވުން ކަމުގައި ރިޕޯޓުތައް ބުނެއެވެ.