މީގެ 21 އަހަރު ކުރިން ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ދުވުންތެރިޔާ ސަމްހާ އަޙްމަދު ހެދި އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު، އިނގިރޭސިވިލާތުގެ ބާމިންހަމުގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ޒުވާން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން މުގުރާލައިފިއެވެ.
އަންގާރަ ދުވަހު ކުރިއަށްދިޔަ އެތުލެޓިކްސް އިވެންޓުގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 12.17 ސިކުންތުންނެވެ. ހިމްނާ ދިޔައީ އޭނާ ވާދަކުރި ހީޓުގެ ހަތްވަނައަށެވެ. އެ ހީޓުގެ އެއްވަނައަށް ދިޔައީ 10.99 ސިކުންތުން ރޭސް ނިންމި ނައިޖީރިއާގެ ގްރޭސް އެންވޮކޯޗްއެވެ.
މި ޓައިމިންނާއެކު ހިމްނާ ގައުމީ ރިކޯޑު ހެދިއިރު، މީގެ ކުރިން އެ ރެކޯޑު އޮތީ ކެނެޑާގައި 2001 ވަނަ އަހަރު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކުރި ސަމްހާ އަތުގައެވެ. ސަމްހާ އެ ފަހަރު ރޭސް ނިންމީ 12.27 ސިކުންތުންނެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެވޯޑުކުރި ޕެރިސް 2024 އޮލިމްޕިކްސް ސްކޮލަޝިޕް ހާސިލުކޮށްފައިވާ ހިމްނާގެ އެންމެ ޚާއްސަ އެއް އިވެންޓަކީ 400 މީޓަރު ދުވުމެވެ. އޭނާ ވަނީ ގިނަ ފަހަރުތަކެއްގެ މަތިން 400 މީޓަރުގެ ގައުމީ ރިކޯޑު މުގުރާލާފައެވެ. އެގޮތުން ހިމްނާ ވަނީ 2018، 2019، 2021 އަދި މި އަހަރުގެ ޖޫން މަހުގައި 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އާކޮށްފައެވެ.