ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (9 މޭ) އެގޮތުން އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.މި ސްކޫލް ހުޅުއްވައިދެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.
(11 މޭ) ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. މިދިޔަ މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
- ކުރީ ސަރުކާރުން އިންޑިއާއިން ނެގި ލޯނުގެ 50 މިލިޔަން ޑޮލަރު ދެއްކިކަން ރައީސް ހާމަކުރެއްވުން
- ރައްޔިތުންނާއެކު ރައީސް ބާއްވަވާ ބައްދަލުވުންތައް އަލުން ފެށުމަށް ރައީސް ނިންމެވުން
- ހުރިހާ ސިޓީއެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވުން
(12 މޭ) އޭ.ޑީ.އެޗް.ޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއިން ލިބޭނެ އިންތިޒާމު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހަމަޖައްސާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މީގެކުރިން މިބޭހަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރާއްޖެ އެތެރެކުރުން މަނާ ބޭހެކެވެ.
(14 މޭ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމުގެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި ބިލު ފާސްކުރައްވާފައިވަނީ، 2026 މޭ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ.
(9 މޭ) ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދޭ ތަނެއް ބަންދުކުރުމަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން، ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް ޢަމުރެއް ނެރެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި ކްރިމިނަލް ކޯޓުން މި ޢަމުރު ނެރެފައިވަނީ، ކ. މާލެ / ހ. ގުންޒަރު ބަންދު ކުރުމަށެވެ. އެތަން ބަންދުކުރުމަށް ޢަމުރުކޮށްފައިވަނީ، މި މަހުގެ 5ވަނަ ދުވަހުން ފެށިގެން 90 ދުވަހަށެވެ.
(14 މޭ) ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވަކިކުރުމަށް ޤަރާރެއް ހުށަހަޅާފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް، ނާޠިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށްވެސް މަޖިލީހުން ވިދާޅުވިއެވެ.
(14 މޭ) ޙައްޖުވެރިންގެ ނުސުކް ކާޑު ރާއްޖެއިން ފުރުމުގެ ކުރިން، ޙާޖީންނާއި ހަވާލުކުރުމުގެ މަސައްކަތް ފަށައިފައިވަނީ ބުރާސްފަތި ދުވަހުއެވެ. ދިވެހިރާއްޖެއަކީ މި ކާޑު، އަމިއްލަ ޤައުމުން ހަވާލުކުރާ ފުރަތަމަ ޤައުމުކަމަށް ރާއްޖޭގެ މުޠައްވިފް ރަވާފް މިނާއިން ފާހަގަކުރައްވައެވެ. ޙައްޖު ކޯޕަރޭޝަނުން ދަނީ ފުރަތަމަ ފްލައިޓްގެ ޙައްޖުވެރިންގެ ބައޯމެޓްރިކްސްގެ ކަންކަން ފުރިހަމަކޮށް، ކާޑު ހަވާލުކުރަމުންނެވެ. މި ކާޑަކީ ޙާޖީން ހުރިހާ ވަގުތެއްގައި ގެންގުޅެންޖެހޭ ކާޑެކެވެ. މި ކާޑާ ނުލާ ޙައްޖުގެ އެއްވެސް މަޝާއިރެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.
(15 މޭ) ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހިން މައްކާއަށްދާން ފަށާފައިވަނީ ހުކުރު ދުވަހުއެވެ.
(13 މޭ) އައްޑޫގެ އިޤްތިޞާދު ހިންގައިގަތުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ބާއްވާ އައްޑޫ ބިޒްނަސް ޑައިލޮގް ބާއްވާފައިވަނީ ނިމުނު ހަފުތާގައެވެ. މި ޑައިލޮގް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 13 އިން 14އަށެވެ. މި ޑައިލޮގަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާ އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ގުޅިގެން ކުރިއަށް ގެންދާ މަހާސިންތާއެކެވެ.
(13 މޭ) އައްޑޫ ސަރަހައްދީ ފްރީޒޯން އިފްތިތާޙްކޮށް ޖާގަތަކަށް ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ފްރީޒޯން އިފްތިތާޙްކޮށްފައިވަނީ އެކަމަށްޓަކައި އައްޑޫ ހައިސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމީއްޔާތުގައި ފްރީ ޓްރޭޑް ޒޯން އިފްތިތާޙްކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު އަދި ދަޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، 21 ވަނަ އޭޝިއާ މީޑިއާ ސަމިޓު ރާއްޖޭގައި ވަނީ ބާއްވާފައެވެ. "މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓުގެ ޕްލިނަރީ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ، މިމަހުގެ 11އިން 13އަށް ވިލާ ނޯޓިކާގައެވެ. އޭޝިއާ މީޑިއާ ސަމިޓަކީ، އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން އިންތިޒާމު ކުރި ސަމިޓެކެވެ. މި ސަމިޓުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، މީޑިއާ އެކްސެލެންސްގެ ޚާއްސަ އެވޯޑު ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއަށް ލިބުމެވެ. ޕީއެސްއެމްއަށް މި އެވޯޑް ދީފައިވަނީ، މީޑިއާ ތަރައްޤީ ކުރުމަށާއި، ބްރޯޑްކާސްޓް ކުރުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޕީއެސްއެމްއިން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ނިމުނު ހަފުތާގައިވަނީ ހިތާމަވެރި ޚަބަރުތަކެއްވެސް ލިބިގެންގޮސްފައެވެ. އެގޮތުން (9 މޭ) ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މުޙައްމަދު ރާމިޒް އަވަހާރަވި ޚަބަރު ލިބުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ހައިވޭ، ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅި، އެއާޕޯޓު ލައިޓް ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވީ މިދިޔަ ބުދަ ދުވަހުއެވެ. ހައިވޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވީ އިންޑިއާއަށް ނިސްބަތްވާ 50 އަހަރުގެ ފިރިހެނެކެވެ.