މޯލްޑިވްސް ނެޝެނަލް ޕާޓީ، އެމް.އެން.ޕީގެ ޤައުމީ ހިންގާ ކައުންސިލްގެ 180 މަޤާމަކަށް އިންތިޚާބަކާ ނުލާ މެންބަރުން ހޮވިފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމް.އެން.ޕީގެ އެތެރޭގެ އިންތިޚާބަށް ވަމުންދާ އެންމެފަހުގެ ތައްޔާރީތަކާގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ އިންތިޚާބީ ކޮމިޓީގެ ރައީސް އަޙްމަދު އަމްޖަދު ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 185 މަޤާމަކަށް 196 ފަރާތަކުން ކުރިމަތިލީކަމަށެވެ. އަދި އޭގެ ތެރެއިން 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް 1 މެންބަރު ކަމަށެވެ.
އެމް.އެން.ޕީގެ އިންތިޚާބީ ޤަވާއިދުގެ 17 ވަނަ މާއްދާގައި ވާގޮތުގެ މަތިން، އެއް މަޤާމަކަށް އެންމެ ކެނޑިޑޭޓެއް ކުރިމަތިލާފައިވާނަމަ، އެމެންބަރަކު އެމަޤާމަކަށް ހޮވޭނެއެވެ. އަމްޖަދު ވިދާޅުވީ، ޖުމްލަ 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް 1 މެންބަރު ކަމަށް ވާތީ، އެ 180 މަޤާމަށް ކުރިމަތިލީ މެންބަރުން އިންތިޚާބަކާ ނުލާ ހޮވިފައިފައިވާ ކަމަށެވެ.
އެމް.އެން.ޕީގެ ޤައުމީ ހިންގާ ކައުންސިލްގެ މަޤާމުތަކުގެ ތެރެއިން އިންތިޚާބު ބާއްވަންޖެހެނީ 5 މަޤާމަކަށް ކަމަށް އަމްޖަދު ވިދާޅުވިއެވެ. އެގޮތުން 6 އޮގަސްޓް 2022 ވާ ހޮނިހިރު ދުވަހު އިންތިޚާބުކުރަން ޖެހޭ 5 މަޤާމަކީ ވިމެންސް ވިންގގެ ލީޑަރ، ޔޫތު ވިންގގެ ލީޑަރ، ނޮޅިވަރަމް ދާއިރާ (އަޕަރ ނޯތު ރީޖަން) (ހދ) ރައީސް، ހޮޅުދޫ ދާއިރާ (ނޯތު ރީޖަން) (ނ) ނާއިބު ރައީސް، އަދި ތުޅާދޫ ދާއިރާ (ނޯތު ރީޖަން) (ބ) ރައީސްގެ މަޤާމެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ފޮށިތަށް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޕީގެ 50 މެންބަރުން ހަމަވާ ރަށްރަށުގައެވެ. އެގޮތުން 54 ރަށެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އެޕާޓީން ވަނީ ނިންމާފައެވެ. އަދި އިންތިޚާބުގައި ވޯޓުލާނީ ކަރުދާސް ބޭނުންކޮށްގެންނެވެ. މިރަށްރަށުގައި ވޯޓުލުން ކުރިޔަށްދާނީ 6 އޮގަސްޓް 2022 ވާ ހޮނިހިރު ދުވަހު ހެނދުނު 8:00އިން ފެށިގެން އެދުވަހު ހަވީރު 4:00އަށެވެ.